މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގި މ. ނިރުފެހި ގެއިން ފެނުނު އިންސާނެއްގެ ފައިތިލައަކީ އެ ހާދިސާގައި ފިހުނު މީހެއްގެ ފައިތިލަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީގެ ކުރިން "ވަން" އަށް ބުނެފައިވަނީ ފެނުނު ފައިތިލައަކީ ހާދިސާގައި މަރުވި މީހެއްގެ ފައިތިލައެއްތޯ ބަލަމުންދާ ކަމަށެވެ. އަދި އެދުވަހު ފެނުނު ފައިތިލަ ފިޔަވައި އިންސާނެއްގެ ހަށިގަނޑުގެ އިތުރު ބައެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ މިއަދު ބުނީ އެ އަލިފާނުގެ ހާދިސާގެ ތަހުގީގުގައި މިހާރު ކުރަމުންދަނީ ތަހުގީގު ފުރިހަމަކުރުމުގެ ކަންކަން ކަމަށެވެ. އަދި ބުނީ ނިރުފެހިގެއިން ފެނުނު ފައިތިލައަކީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަ ކަމަށެވެ.

"ނިރުފެހިގެ ސާފުކުރަމުން ދަނިކޮށް ފެނުނު އިންސާނެއްގެ ފައިތިލަ އަކީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހެއްގެ ފައިތިލަކަން ވަނީ ކަށަވަރުކުރެވިފައި. އެ ފައިތިލަ މިހާރު ވަނީ ވަޅުލާފައި،" ފުލުހުން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ނިރުފެހިގެ ޕްލޭނިން މިނިސްޓްރީން ވަނީ ތަޅާލައިފައެވެ.

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ދިހަ ބިދޭސީއަކު ވަނީ މަރުވެފައެވެ. އެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ ތިރީ ފްލޯގައި ހުރި ގަރާޖެއްގައެވެ. ގަރާޖުގައި ރޯވި އަލިފާންގަނޑު ދޮޅު މިނިޓު ތެރޭ ވަނީ މުޅި އެ އިމާރާތަށް ފެތުރިފައެވެ. އެ ގޭގެ މަތީ ދެ ފަންގިފިލާއަކީ އެކޮމެޑޭޝަން ބްލޮކުތަކެވެ. މަރުވެފައިވަނީ އެތަނުގައި ދިރިއުޅުނު ބިދޭސީންނެވެ.