ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ހަދާފައިވާ އެކޮމޮޑޭޝަން ބްލޮކުގައި މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުން ފެނުނު ކަށިތަކަކީ، އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާގެ ކަށިތައް ކަމަށް ފުލުހުން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެތަނުން އިންސާނެއްގެ ކަށިތައް ފެނިފައިވަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެފަހަރު ފުލުހުންގެ ބުނެފައިވަނީ އަލިފާނުގެ ހާދިސާއަށްފަހު އެތަނުގައި ދިރިއުޅުނު މީހަކު މަދުވާކަން އެތަނުގައި ދިރިއުޅުނު ފަރާތްތަކުން ފާހަގަކުރުމާ ގުޅިގެން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެފްކޮންސްއިން ބުނެފައިވަނީ އެކޮމޮޑޭޝަން ބްލޮކުން މީހަކު ގެއްލިފައިނުވާ ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް މި ހަފުތާގައި އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

"ގުޅީފަޅު އަލިފާނުގެ ހާދިސާ ހިނގި ތަނުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އެތަނުން ގެއްލުނު މީހާގެ ހަށިގަނޑުކަން ވަނީ ކަށަވަރުކުރެވިފައި. އެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް މި ހަފުތާގައި ވަނީ އިންޑިއާއަށް ފޮނުވާފައި،" ފުލުހުން ބުންޏެވެ.

އެފްކޮންސްއިން މީގެ ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކޮމޮޑޭޝަން ބްލޮކުގައި 457 މީހުން ދިރިއުޅެމުންދިޔަ ކަމަށެވެ. އޭގެ ތެރެއިން 78 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން 32 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ. ކުދިކުދި އަނިޔާ ލިބުނު 24 މީހަކުގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތުން އެ މީހުންނަށް ބޭނުންވާ އަންނައުނާއި ސޫޓް ކޭހާއި މޯބައިލް ފޯނުގެ އިތުރުން މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.