ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުތަކުގައި ރޭ މެންޗެސްޓާ ސިޓީން އާރްބީ ލެއިޕްޒިގާ އެއްވަރުވި އިރު، އިންޓަ މިލާނުން ކުޅުނު މެޗުގައި ޕޯޓޯ ބަލިކޮށްފިއެވެ.
ރޭ ސިޓީން ޖަރުމަނުގައި ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އިންޓައިން އަމިއްލަ ދަނޑުގައި ޕޯޓޯ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ސިޓީން ރޭގެ މެޗު ރަނގަޅަށް ފަށައި، ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފުރުސަތުތަކުގެ ބޭނުން ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ސިޓީން ވަނީ 27 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ.
ސިޓީގެ ގޯލަކީ ލެއިޕްޒިގްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، އިލްކައި ގުންޑޮގާން ހޯދި ބޯޅައެއް އޭނާ ކުރިއަށް ޖައްސާލުމުން އޭރިއާ ތެރެއަށް ވަދެ ރިޔާދު މަހަރޭޒް ޖެހި ބޯޅައެއްގައި ވައްދާލި ގޯލެކެވެ. އޭގެ އިތުރުން ސިޓީގެ ދެވަނަ ގޯލަކަށް ބަނާޑޯ ސިލްވާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
ދެވަނަ ހާފުގައި ލެއިޕްޒިގުން ރަނގަޅަށް މެޗުތެރެއަށް ވަދެ، ސިޓީ ހުއްޓުވުމުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ އިރު، އާލިން ހާލަންޑްގެ ފަރާތުންވެސް މާ ބޮޑު ނުރައްކަލެއް ފެނިފައެއް ނުވެއެވެ. މެޗުގެ ފަހު ހާފުގައި އޭނާއަށް ފަހިވި ހަނި ދެ ފުރުސަތެއްގައި ގޯލެއް ޖެހުމަށް މަސައްކަތް ކޮށް، ވީ ބޭކާރެވެ.
ލެއިޕްޒިގުން އެއްވަރުކުރީ 70 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ކޯނަރެއްގައި ކުރިއަށް އަރައި، ޖޮސްކޯ ގްވާޑިއޯލް ބޮލުން ޖެހި ބޯޅައެކެވެ. ސިޓީއާއި ލެއިޕްޒިގުން ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ މާޗު 15 ވަނަ ދުވަހުއެވެ.
އިންޓަ މިލާނާއި ޕޯޓޯ، ސަން ސީރޯގައި ރޭ ކުޅުނު ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުގެ ދެވަނަ ހާފްގައި ޕޯޓޯގެ އޮޓާވިއޯއަށް ރަތް ކާޑު ދެއްކުމާއެކު ޕޯޓޯއަށް މެޗުގެ ބާކީ ބައިގައި ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ.
ޕޯޓޯގެ ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި، އިންޓައަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫއެވެ. އިންޓައާއި ޕޯޓޯ ޕޯޗުގަލްގައި ކުޅޭ ދެވަނަ ލެގުވެސް އޮންނާނީ މާޗު 15 ވަނަ ދުވަހުއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު