އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޖުމްހޫރީ ޕާޓީގެ ތާއީދު ހޯދުމަށް އެމަނިކުފާނުގެ ބައެއް މަންދޫބުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބައްދަލުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި މިއަދު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސްގެ މަންދޫބުންގެ ގޮތުގައި ނަހުލާއާ ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.
އެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހޯދުމަށް "ވަން" އިން އަސްލަމަށް ގުޅުމުން ނަހުލާއާ މަޝްވަރާކުރެއްވި ކަމަށް ވިދާޅުވި ނަމަވެސް، އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރައީސްގެ މަންދޫބުންގެ ގޮތުގައި އަސްލަމާއި ނިޔާޒު ވަނީ މިދިޔަ އާދީއްތަ ދުވަހު ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފައެވެ.
ސަން އައިލެންޑްގައި ހުރެ "ވަން" އަށް މައުލޫމާތުދެއްވަމުން އަސްލަމް އެ ދުވަހު ވިދާޅުވެފައިވަނީ، ގާސިމާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ތާއީދު ހޯއްދެވުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އެއީ ވަރަށް އުއްމީދީ ބައްދަލުވުމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސް ސޯލިހަށް ތާއިދުކުރެއްވުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ބާއްވާ ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާގައެވެ.
ރައީސް ސޯލިހުގެ މަންދޫބުން ގާސިމާ ބައްދަލުކުރެއްވި އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންވެސް ވަނީ ގާސިމާ ބައްދަލުކުރައްވައިފައެވެ. ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "ވަން" އަށް ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް ހެޔޮވެރިކަމެއް ކޮށްދިނުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު