Close
ޚަބަރު

ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަނުކުރައްވަން ނިންމަވައިފި، ކުރިއަށްދާނީ ކޯލިޝަނަކާއެކު!

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވާދަނުކުރައްވަން ނިންމަވައިފިއެވެ.

ސިޔާމް އެ ނިންމެވުން ނިންމަވާފައިވަނީ، ރިޔާސީ އިންތިހާބަށް ނުކުތުމާއި ކޯލިޝަން ހެދުމާ މެދު މަޝްވަރާކުރުމަށް އެމްޑީއޭ އިން މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން "ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި އިގުތިސާދީ ހާލަތު އަދި ދުނިޔޭގެ އިގުތިސާދީ ހާލަތަށް ބަލައި އިރު، މިވަގުތު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވަން ފެނިވަޑައިގަންނުގަންނަވާކަން ފާހަގަކުރައްވައި، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ސިޔާމް ނިންމަވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ކޯލިޝަނަކާއެކު ކުރިއަށްދިއުމަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުމާ އެއްގޮތަށް ކޯލިޝަނެއް ހެދުމަށް ފެންނަ ކަމަށް ބައްދަލުވުމުން ނިންމި ކަމަށެވެ. އަދި ކޯލިޝަން ހެދުމުގެ ހުރިހާ ބާރެއް ޕާޓީގެ ރައީސް، ސިޔާމަށް ދެއްވުމަށް ވެސް ގައުމީ މަޖިލީހުން ނިންމި ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ކޯލިޝަން ހެދުމަށް ބަލަން ޖެހޭ ކަންތައްތައް ބަލައި، މަޝްވަރާތައް ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ ކޮމިޓީން އެކަންކަމުގެ މައުލޫމާތު ސިޔާމަށް އަރުވަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު ގައުމީ މަޖިލީހުގެ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީއޭއާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސިޔާމަށް ސިޓީފުޅެއް ފޮނުއްވައިފައެވެ. ކޯލިޝަން ހެދުމަށް އެމްޑީއޭގެ އިތުރުން ރައީސް ދައުވަތު އެރުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށެވެ. އެމްޑީއޭ ފިޔަވައި، ދެން ހިމެނޭ ޕާޓީތަކަކީ މިހާރު ވެސް ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ޕާޓީތަކެވެ.

އަދާލަތުން މިއަދު ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފައެވެ. ޖޭޕީން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައެވެ.