ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ގައުމީ މަޖިލިސް ބާއްވަން ނިންމައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެމްޑީއޭގެ ގައުމީ މަޖިލިސް އޮންނާނީ މިއަދު ހަވީރު އެވެ.
"ވަން" އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި އެމްޑީއޭގެ ރައީސް، އަހުމަދު ސިޔާމް މުހައްމަދު އިއްޔެ ވިދާޅުވީ، މިއަދު އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަރަށް މުހިންމު ދެ މައްސަލައަކަށް މަޝްވަރާ ކުރުން އޮންނާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ޕާޓީން ކެންޑިޑޭޓެއް ނެރޭނެތޯ އާއި ކޯލިޝަން ހެދުމުގެ މައްސަލަ. މި ދެ ކަންތަކަށް ގައުމީ މަޖިލީހުގައި މަޝްވަރާ ކުރާނެ." ސިޔާމް "ވަން" އަށް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ ގޮތެއް ނިންމޭނީ ގައުމީ މަޖިލީގުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އެ ގޮތުން އެމްޑީއޭއިން ގޮތެއް ނިންމުމުގެ ކުރީން، ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. މައިގަނޑު ގޮތެއްގައި އެކަންކަން ބިނާވާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ނިންމުމަކަށް ވާނީ ކޮން ގޮތެއްތޯ ދެނެގަތުމުގެ މައްޗަށް ކަމަށާއި އެމްޑީއޭއިން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ގޮތަށް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާ ތަކަށް އެމްޑީއޭގެ ގައުމީ މަޖިލިސް މިއަދު ބާއްވާއިރު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދާދި ފަހުން އެމްޑީއޭގެ ރައީސް، ސިޔާމާ ބައްދަލު ކުރައްވައިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ސިޔާމަށް އަރުވައިފައެވެ. އެހެން ނަމަވެސް އެމްޑީޕީންވެސް އަދި އެމްޑީއޭއިންވެސް އެ ބައްދަލުވުމާ ގުޅޭ ގޮތުން ރަސްމީ ބަހެއް އާންމު ކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބަށް ފައްކާވަމުން އަންނައިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ހުންނެވީ ޖަލުގައެވެ. އެހެން ނަމަވެސް ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވައިފައެވެ.
އެމްޑީއޭ
އެމްޑީއޭ
އެމްޑީއޭ
އެމްޑީއޭ