ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި މައްސަލަ ޖެހުނު ވޯޓު ފޮށި އަލުން ގުނުމަށްފަހު، އެންމެ ވޯޓެއްގެ ތަފާތުން އެ ގޮނޑި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކާމިޔާބުކޮށްފިއެވެ.
އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އައީ ލ. ފޮނަދޫގައި ބެހެއްޓި ތިން ނަންބަރު ވޯޓު ފޮއްޓަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ ކަމަށް ބުނެ އެމްޑީއޭއިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
އެމްޑީއޭއިން ފާހަގަކުރި ގޮތުގައި އެ ފޮއްޓަށް މީދޫގެ ރައީސް ހޮވުމަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައި ވަނީ ހަތަރު މީހުންނެވެ. އޭގެ ތެރެއިން އެކަކު ވޯޓުލާން ގޮސްފައިނުވާ އިރު، ރަސްމީ ނަތީޖާއިން ހަތަރު މީހުން ވޯޓުލާފައިވާ ކަމަށް ދެއްކުމުން އެ ޕާޓީން މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. މީގެ އިތުރުން، ޕީއެންސީގެ ފަރާތުންވެސް ވަނީ ބާތިލު ވޯޓެއްގެ މައްސަލަ ހުށަހަޅައި، ވޯޓު އަލުން ގުނައިދިނުމަށް އެދިފައެވެ.
އެ މައްސަލަތައް ބެލުމަށްފަހު އީސީން މިއަދު ނިންމީ، ފޮނަދޫ ތިން ނަންބަރު ވޯޓު ފޮއްޓަށް ހައްގު ނެތް މީހަކު ވޯޓުލާފައިވާތީ، އެ ފޮށިން އެއް ވޯޓަކީ ބާތިލު ވޯޓެއް ކަމަށެވެ. މިއަދު އެ ފޮށި އަލުން ގުނިއިރު، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދާއި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމާ ދެމެދު އޮތް ފަރަގު ވަނީ ބަދަލުވެފައެވެ.
ކުރިން އާންމުކުރި ވަގުތީ ނަތީޖާގައި ސުހާއަށް 393 ވޯޓު ލިބިފައިވާ ކަމަށް ދެއްކި ނަމަވެސް، ވޯޓު އަލުން ގުނައި ބާތިލު ވޯޓު ކަނޑައެޅުމުން އޭނާއަށް ލިބުނީ 391 ވޯޓެވެ. އެމްޑީއޭގެ ކެންޑިޑޭޓް ޝާހިދަށް 392 ވޯޓު ލިބިވަޑައިގަތުމާއެކު، އެމްޑީއޭއަށް މިވަނީ އެންމެ ވޯޓެއްގެ ކުރިއެރުމަކުން ގޮނޑި ކަށަވަރުވެފައެވެ.
ފޮނަދޫ ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ޕީއެންސީގެ ކެންޑިޑޭޓަށް 114 ވޯޓު ލިބިފައިވާއިރު، އެމްޑީއޭގެ ކެންޑިޑޭޓަށް ލިބިފައިވަނީ 127 ވޯޓެވެ. ވޯޓު ގުނުމުގެ ތެރޭގައި ސުހާއަށް ލިބިފައިވާ ވޯޓެއް ބާތިލުކުރުމާ ގުޅިގެން، އެ ތަނަށް އެއްވެ ތިބި ބައެއް މީހުން އަޑުގަދަކޮށް ހަމަނުޖެހުން ހިންގާފައިވެއެވެ.
މި މައްސަލަ ހޫނުވެގެން ދިޔައީ ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ވޯޓުގެ ފަރަގު އިންތިހާއަށް ކުޑަވުމުން، އެންމެ ވޯޓަކުން ވެސް މުޅި އިންތިހާބުގެ ނަތީޖާ ބަދަލުވެގެންދާތީއެވެ. އީސީން މިހާރު ވަނީ މި ނަތީޖާ ކަށަވަރުކޮށްދީފައެވެ.
މުހައްމަދު އިޝާން
ދ. މިދޫ
ދ. މިދޫ
ދ. މިދޫ
ދ. މިދޫ