ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއެކު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްޙަމަސަލަސްކަމަށް ރިއާޔަތްކުރާ އިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކުއެކީގައި، ކުރިއަށްގެންދާ މި ހިޔާލު ހޯދުމުގެ ވޯޓުގައި ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް (ލޯކަލް އިންތިހާބުތައް އެއްކޮށްލުމަށް) މި ޕާޓީން ފުރިހަމައަށް ތާއީދުކުރަމެވެ..،" އެމްޑީއޭގެ ބަޔާނުގައި ބުންޏެވެ.
އެމްޑީއޭ އިން ބުނީ އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް، ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް، އެކަށައެޅުއްވުމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ސިޔާމް އަބަދުވެސް އިސްކަންދެއްވަނީ ގައުމުގެ އިގުތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށް ކަމުގައި އެމްޑީއޭ އިން ބުންޏެވެ.
"އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރުމަށް ލިބޭނެ، ވަރަށް ބޮޑު ފުރުސަތެއްކަމަށް، ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އިއުތިރާފުވާ ކަމަށާއި އެހެންކަމުން، މިއީ އިގުތިސާދީ ދެމެހެއްޓެނިވި ކަމަށާއި، ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާތީ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް، މި ޕާޓީން މަރުހަބާ ކިޔަމެވެ..،" އެމްޑީއޭ އިން ބުންޏެވެ.
ހަމައެއާއެކު ހަރަދުތައް ކުޑަކޮށް އިގުތިސާދު ވަރުގަދަކުރުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެމްޑީއޭ އިން ވަނީ ގޮވާލައިފައެވެ.
އެމްޑީއޭ އިން އިތުރަށް ބުނީ އެ ޕާޓީ އަބަދުވެސް ދެމިއޮންނާނީ، ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ކަމަށާއި އަދި ގައުމުގެ އިގުތިސާދީ ހަމަޖެހުމާއި، ރައްޔިތުންގެ ކުރިމަގުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުންދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެމްޑީއޭ
އެމްޑީއޭ
އެމްޑީއޭ
އެމްޑީއޭ