Close
ޕީއެސްޖީ

ރަނގަޅަށް ކައި، ނިދަން ޖެހޭ ކަމަށް ބުނީ ނޭމާއަށް ބަހުން ޖަހާކަށް ނޫން: އެމްބާޕޭ

ނަތީޖާ ނެރުމަށް ރަނގަޅު ޑައިޓެއްގައި ކައިބޮއި ހަދައި، ގަޑިން ގަޑިއަށް ނިދި ގެންގުޅުން މުހިއްމު ކަމަށް ބުނީ ނޭމާގެ ދިރިއުޅުމަށް އަމާޒުކޮށްގެން ނޫން ކަމަށް ފްރާންސާއި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީން އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް ކައިރިން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ "ޕީކް" ކުޅުމުގައި ފެންވަރު ދެއްކުމަށް ރަނގަޅަށް ކައި، ގަޑިން ގަޑިއަށް ނިދުން މުހިއްމު ކަމަށެވެ.

ބަޔާންއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި ބެންޗުން އެރި އެމްބާޕޭ އެހެން ބުނުމާއެކު ގިނަ ބަޔަކު އެ ބަސްތައް ސިފަކުރީ، އެއީ ނޭމާއަށް އަމާޒުކޮށް ބުނި ބަސްތަކެއްގެ ގޮތުގައެވެ. އެއީ ނޭމާއަކީ ރޭގަނޑުގެ ޕާޓީތަކުން އާންމުކޮށް ފެންނަ، ސަކަ މިޒާޖެއްގެ ކުޅުންތެރިއަކަށްވާތީއެވެ. އެވާހަކަ އިތުރަށް މީޑިއާގައި ދެކެވެން ފެށީ އެ މެޗަށްފަހު ނޭމާ ޖުވާ މުބާރާތަކުން ފެނި، މެކްޑޮނާލްޑެއްގައި ކާން އިންދާވެސް ފެނިފައިވާތީއެވެ.

ރޭ ޕީއެސްޖީން ލިލްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެމްބާޕޭ ބުނީ އެ ވާހަކަތައް ދެއްކީ ނޭމާއަށް ބަހަކުން ޖެހުމުގެ ނިޔަތެއްގައި ނޫން ކަމަށާއި، އެއީ ހުރިހާ ކުޅުންތެރިންވެސް އަނެއް ލެގަށް ދާންވާއިރަށް ވާން ޖެހޭ ތައްޔާރީއަށް އަމާޒުކޮށް ބުނި ބަހެއް ކަމަށެވެ.

ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ނޭމާގެ ކުޑަހުޅަށް ބޮޑު އަނިޔާއެއްވެ އަށިގަނޑުގައި ބާލަން ޖެހިފައިވާ އިރު، އެމްބާޕޭ ވަނީ ނޭމާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފައެވެ.

ޕީއެސްޖީގެ ފޯވަޑް ލައިނުން ދުނިޔޭގެ އެންމެ ހުނަރުވެރި ތިން ކުޅުންތެރިން ފެނިގެންދާ އިރު، ލިއޮނަލް މެސީއާއި އެމްބާޕޭ އަދި ނޭމާގެ ދެމެދުގައި އަބަދުވެސް ކޮންމެވެސް ވަރެއްގެ ނުތަވަސްވުންތަކެއް އުޅޭ ކަމަށް މީޑިއާތަކުން ސިފަކުރެއެވެ. މީޑިއާތަކުން ބުނަމުންދަނީ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ހޯދަން އެންމެ ބޮޑު ހުރަހަކަށްވަނީވެސް ޓީމު ތެރޭގައި ޖެހޭ ބައެއް ކުދިކުދި މައްސަލަތައް ކަމަށެވެ.