މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފ. އަތޮޅުގެ ފުރަތަމަ މެޗުތަކުން ނިލަންދުއާއި މަގޫދޫ މޮޅުވި އިރު، ދ. އަތޮޅުގެ ފުރަތަމަ މެޗުގައި މާއެނބޫދޫން ވަރުގަދަ ކުޑަހުވަދޫ ބަލިކޮށްފިއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭ ވަނީ ޖުމުލަ އަށް މެޗެއްް ކުޅެފައެވެ.

ފ. އަތޮޅާއި ދ. އަތޮޅުގެ އަތޮޅު ބުރުގެ ކުޅުން ރޭ ފެށިފައިވާ އިރު، ފ. އަތޮޅުން ވާދަކުރަނީ ހަތަރު ޓީމެކެވެ. އަދި ދ. އަތޮޅުން މިފަހަރު ތިން ޓީމަކުން ވާދަކުރަމުން ދެއެވެ. ދ. އަތޮޅުގައި ބަނޑިދުއާއި ކުޑަހުވަދޫގެ އިތުރުން މިފަހަރު މުޅިން އަލަށް މުބާރާތަށް ނުކުތީ މާއެނބޫދޫއެވެ.

ފ. އަތޮޅުގައި ރޭ ނިލަންދޫން ކުޅުނު މެޗުގައި 5-0 އިން ބިލެއްދޫ ބަލިކުރި އިރު، އެޓީމުގެ ގޯލުތައް ޖަހައިދިނީ ކެޕްޓަން ފާރޫގު އިސްމާލާއި އަކުރަމް އިސްމާއީލް އަދި އަހުމަދު ވާފިރެވެ. މެޗުގައި ފާރޫގާއި އަކުރަމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުންވެސް ފެނުނު ފާރޫގެވެ. ފ. އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި މަގޫދޫން ވަނީ 1-0 އިން ދަރަނބޫދޫ ބަލިކޮށްފައެވެ. މެޗުގައި ގޯލު ޖެހީ، މޫސާ މާހިލް މިގުދާދެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަގޫދޫގެ އަހުމަދު ސާއިން އިސްމާއީލް ޝިޔާމެވެ.

ދ. އަތޮޅުގައި ރޭ ކުޅުނު މެޗުގައި މާއެނބޫދޫން ކުޑަހުވަދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މިހާތަނަށް މުބާރާތުގައި ފެނުނީ އެންމެ ތަފާތު އެއް ނަތީޖާއެވެ. ކުޑަހުވަދޫން މިދިޔަ އަހަރު ފޯމު ރަނގަޅުކޮށް ފައިނަލް ބުރުގެ ސެމީގައި ކުޅެފައިވާ އިރު، އެޓީމު ކެޓީ އެންމެފަހުން ދެ އަހަރުގެ ޗެމްޕިއަން ތިމަރަފުށި ކައިރިން ބަލިވެގެންނެވެ. އެހެންކަމުން މާއެނބޫދޫން ރޭ ހޯދި ނަތީޖާއަކީ ދ. އަތޮޅުގެ ފައިނަލްގެ ޖާގައަކަށް، އެޓީމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެކެވެ.

ރޭގެ މެޗުގައި މާއެނބޫދޫގެ ގޯލުތައް ޖަހައިދިނީ ކެޕްޓަން އަހުމަދު މަހްދޫމާއި އަހުމަދު ޝައިހާނެވެ. ކެޕްޓަން މަހުދޫމް ވަނީ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. ކުޑަހުވަދޫގެ ގޯލުތައް މެޗުގައި ޖެހީ އިރުފާން އާދަމް ނަސީރާއި އަބްދުލް މުގުސިތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް އޮންނާނެއެވެ.

20:00 އއ. މަތިވެރި - އއ. ރަސްދޫ (ގްރައުންޑް 1)

20:00 އއ. ފެރިދޫ - އއ. ބޮޑުފޮޅުދޫ (ގްރައުންޑް 2)

އދ. އަތޮޅު ސެމީ ފައިނަލް

21:00 އދ. މަހިބަދޫ - އދ. ހަންޏާމީދޫ (ގްރައުންޑް 1)

21:00 އދ. މާމިގިލި - އދ. ފެންފުށި (ގްރައުންޑް 2)

22:00 މ. ދިއްގަރު - މ. ނާލާފުށި (ގްރައުންޑް 1)

22:00 މ. މުލި - މ. މަޑުއްވަރި (ގްރައުންޑް 2)

23:00 ކ. މާފުށި - ކ. ކާށިދޫ (ގްރައުންޑް 1)