މިއަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތް، ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމުން ބޭނުން ކުރާނެ ޖާޒީ، މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެދުމަށް އަރުވައިފިއެވެ.
މިދިޔަ ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި އިވެންޓްގައި ޖާޒީ ރައީސަށް އެރުއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެ އިވެންޓަކީ މިފަހަރުގެ ޖާޒީ ރަސްމީކޮށް ދައްކާލި އިވެންޓްވެސް މެއެވެ. އިވެންޓްގައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މިފަހަރު ރާއްޖެއިން ބޭނުންކުރާ ޖާޒީގެ ފަރުމާ ހާއްސަކޮށްފައި ވަނީ ރާއްޖޭގެ މުއްސަނދި ކަނޑުގެ ދިރުމުގެ ތެރެއިން، އެންމެ މަގުބޫލު އެކަތި ކަމަށްވާ "މަންތާ ރޭ" އަށެވެ. ވީއޭއެމްއިން މައުލޫމާތު ދިން ގޮތުގައި ޖާޒީގެ ފަރުމާއިން ދައްކުވައިދޭން ބޭނުން ވަނީ ގައުމީ ޓީމު ރަމްޒުކުރުމުގެ ހާއްސަ ޝަރަފާއި ޓީމުގެ ހިތްވަރު ކަމަށެވެ.
އޭގެ އިތުރުން "މަންތާ ރޭ" ގެ ފަރުމާއިން ޓީމުގެ ވަރުގަދަ އަޒުމާއި ތަފާތު ހާލަތްތަކަށް ހޭނުމުގެ ގާބިލުކަންވެސް ރަމްޒުކޮށްދޭ އިރު، ގައުމީ ރޫހު ކުޅުންތެރިންގެ ހިތްތަކަށް ވައްދައިދިނުމަކީވެސް ޑިޒައިންގެ ބޭނުމެއް ކަމަށް ވީއޭއެމްއިން ވަނީ މައުލޫމާތު ދީފައެވެ.
ވީއޭއެމްއިން އިތުރަށް ބުނީ "މަންތާ ރޭ" ފަދަ ދިވެހި ރާއްޖެއަށް ހާއްސަ ކޮންސެޕްޓުގައި ޖާޒީ ފަރުމާކުރުމަކީ ޓީމު ކުޅުންތެރިއެއްގެ ހިތްތަކުގައި ގައުމަށް ވާން ޖެހޭ ގުރުބާނީގެ ހަނދާން އާކޮށްދޭނެ ކަމެއް ކަމުގައިވެސް ދެކޭ ކަމަށެވެ.
ފޯ ނޭޝަންސް ކަޕްގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި މެލޭޝިއާ އާއި އަފްގާނިސްތާނާއި ރާއްޖެއެވެ. އަދި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން ރާއްޖެއެވެ. އެ މުބާރާތް ވެގެންދާނީ ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތަށެވެ.
މުބާރާތް މިމަހު 23 އިން 27 އަށް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައެވެ. ފޯ ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ފިރިހެން ވޮލީ ޓީމުވެސް މިވަގުތު ދަނީ ތައިލެންޑްގައި ތަމްރީނު ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން