އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލި. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ 21އ، މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތްތައް މާދަމާ ފަށަން ތާވަލު ކޮށްފިއެވެ.

އެ މައްސަލަ ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު 1:30 އަށެވެ.

ޒަޔާން މަރުވީ، 2022 ވަނަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާއަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އެމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޒަޔާންގެ މަރާ ގުޅިގެން 11 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުދިންވެސް ހިމެނެއެވެ. އެއީ 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

  • އަހުމަދު ޝުއާއު (24އ)، ދިރިމާގެ/ ސ. ފޭދޫ
  • އަބްދުﷲ ޝިޔާއު ރަޝީދު (22އ)، ދިރިމާގެ/ ސ. ފޭދޫ
  • އައިލިޝް އަލީ (19އ)، ފުފޫމާގެ/ ސ. ފޭދޫ
  • އަބްދުﷲ ނިޒާރު (28އ)، ކާމަރަގަގެ، ސ. ފޭދޫ
  • އަހްމަދު އަބްދުﷲ (25އ)، ކަރަންފޫގެ، ސ. ފޭދޫ
  • ޔައިޝް އަންވަރު (19އ)، ކަދުރުމާގެ، ސ. ހިތަދޫ
  • އަހްމަދު ނަބީލް (34އ)، ސަންޝައިން، ސ. ފޭދޫ

ޔައީސް އާއި އައިލިޝްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ އަށް ދައުވާއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުގެ ކުށުގެ ދައުވާ އެ މީހުންގެ މައްޗަށް އުފުލާފައިވަނީ 2 ޖޫން 2022 ދުވަހު 00:15 އެހާކަށްހާ އިރު ސ. ފޭދޫ، ކަރަންފޫގޭގައި މުހައްމަދު ޒަޔާން މޫސާއަށް ހަމަލާދިނުމުގެ ކަންކަން ކުރިއަށް ގެންދާނެގޮތް އިތުރަށް ރާވައި، ރާވާފައިވާ ގޮތުގެ މަތިން ހަމަލާދިނުމަށް ތޫނު ހަތިޔާރު ހިފައިގެން ސޮލިޑް ގެއަށް ސިއްރުން ވަދެ، އެގޭގެ ގޯތިތެރޭގައި ފާރައަށް ފިލައިތިބުމަށްފަހު، އެރޭގެ 02:45 އެހާކަށްހާ އިރު، ޒަޔާން ގެއިން ބޭރަށް ނުކުތުމަށްފަހު ގޭގެ ގޯތިތެރެއަށް ވަތް ވަގުތު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒަޔާންއަށް ހަމާލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ 11:04 އެހާކަށްހާ އިރު، ޒަޔާން މަރުވެފައިވާތީއެވެ.

ބިރުދެއްކުމުގެ ދައުވާ އެމީހުންގެ މައްޗަށް ކުރީ ސިލްސިލާކޮށް ސ. ފޭދޫ ސޮލިޑްގެ ކައިރިއަށް އެއްވެ ތަފާތު އެކި ގޮތްގޮތުން ޒަޔާން މަރާލާނެ ކަމަށް ބުނެ ބިރުދައްކާފައިވާތީއެވެ.

ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާތައް އެމީހުންގެ މައްޗަށް ކޮށްފައިވަނީ، ސިލްސިލާކޮށް ސޮލިޑްގެ ކައިރިއަށް އެއްވެ ތަފާތު އެކި ގޮތްގޮތުން ޒަޔާން މަރާލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ އަމަލުތަކުގައި ކުޑަކުދިން ގްރޫމްކޮށްގެން ބޭނުންކޮށްފައިވާތީ އާއި ޒަޔާން މަރާލުމަށް ރާވައި މަރާލުމުގެ އަމަލުގައި އެ ކުދިން ބޭނުންކޮށްފައިވާތީއެވެ.

ޔައީސް އާއި އައިލިޝްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ، ދެވޭނެ އަދަބަކީ މަރުގެ އަދަބެވެ. ބިރު ދެއްކުމަށް ހަ މަހާއި 18 މަހާ ދެމެދުގެ ޖަލު ހުކުމެއް އަންނައިރު، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާތައް ސާބިތުވެއްޖެ ނަމަ، 24 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ ކޮށްފައިވަނީ ޝުއާއު އާއި ޝިޔާއު އާއި ނިޒާރާއި އަހުމަދު އަބްދުﷲ އާއި ނަބީލްގެ މައްޗަށެވެ. އޭގެ ތެރެއިން ޝިޔާއު ފިޔަވައި އެހެން އެންމެންގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާވެސް ކޮށްފައިވެއެވެ. އަދި ޝިއާއު ހިމެނޭހެން އެންމެންގެ މައްޗަށް ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާވެސް ކުރެއެވެ. އެގޮތުން ޝިޔާއު ފިޔަވައި އެހެން މީހުންނަށް ކުޑަކުއްޖެއް ބޭނުންކޮށްގެން ޖިނާއީ ކުށެއް ކުރުމުގެ އަށް ދައުވާ ކޮށްފައިވާ އިރު، ޝިޔާއުގެ މައްޗަށް އުފުލީ އެފަދަ ހަތަރު ދައުވާއެވެ.

ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށް ސާބިތުވެއްޖެ ނަމަ، އެމީހުންގެ މައްޗަށް 15 އަހަރާއި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ބިރު ދެއްކުމުގެ ކުށް ސާބިތުވެއްޖެ ނަމަ ހަ މަހާއި 18 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ކުޑަކުއްޖަކު ލައްވާ ޖިނާއީ ކުށެއް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ، ކޮންމެ ދައުވާއަކަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މީހުންގެ ތެރެއިން އަބްދުﷲ ނިޒާރަކީ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާ މީހެއް ކަމަށް ދައުވާގައިވެއެވެ. އެގޮތުން ސ. ފޭދޫ ބަންދަރުގައި ހުންނަ ޕްޓެރޯލްޝެޑަށް ގޮސް ތިން ފުޅި ޕެޓްރޯލް ގަނެ ސ. ފޭދޫ ކަރަންފޫގެއަށް ގެންގޮސް ހެކި ނައްތާލުމަށް ހަމަލާގައި ބޭނުންކުރި ތަކެތި އެންދުމަށް އެހީތެރިވެދީ، ހަމަލާގެ ކަންކަމާއި ހަމާލާއަށްފަހު ކަންކަން ކުރިއަށް ގެންދާނެގޮތް ރޭވުމުގައި އޭނާ އެހީތެރިވި ކަމަށް ބުނެއެވެ. އަހްމަދު އަބްދުﷲ އަކީ ޒަޔާންއަށް ހަމަލާދިނުމަށް ދެ ވަޅި ގަތް މީހާ ކަމަށް ދައުވާގައިވެއެވެ.

މިމައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ގެ ފަސް ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި 18 އަހަރު ނުފުރޭ އިތުރު ތިން ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލައި އެ މައްސަލަ ވަނީ ޖުވެނައިލް ކޯޓަށް ހުށަހަޅައިފައެވެ.

ޕީޖީން ބުނި ގޮތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.

ޑައިވާޝަނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުދިންނަށް ޝަރުއީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތެކެވެ.

ޒަޔާންގެ މަރަކީ ބަދަލު ހިފުމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަޔާންގެ މަރުގެ މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޒަޔާން މަރާލީ ދުރާލައި ރާވައިގެން ކަމަށާއި ޒަޔާން މަރާލީ އައްޑޫ ސިޓީ ފޭދޫގައި ގޭންގް ހަދައިގެން ތަފާތު ކުށްތައް ކުރަމުން އަންނަ ދެ ބައެއްގެ ދެމެދުގައި ހިންގަމުންދިޔަ ސިލްސިލާ މާރާމާރީތަކުގެ ސަބަބުން ކަމަށެވެ.