"ފިކުރެއްގެ ދިރުން" ހަރަކާތް ހުއްޓާލުމަށްފަހު އެމްޑީޕީ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލުކުރުމަށް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ ފިކުރެއްގެ ދިރުމެއް އޮތް ނަަމަވެސް އެމްޑީޕީ ފިކުރަކީވެސް އަދި އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ވަނީ އަސާސީ ގަވާއިދުގެ ތިންވަނަ ބާބުގައި ކަޅާއި ހުދުން ލިޔެފައި ކަމަށެވެ.

"އެނޫން އާ ފިކުރެއް ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާވެގެންވާ ފިކުރެއްގެ ވާހަކަދެއްކުން ހުއްޓާލައްވާފައި، ވާދަވެރި ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޒަމާންތަކަށް ހަމަ އެ މަނިކުފާނާއެކު މަސައްކަތްވެސް ކުރެއްވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވަޑައިގަންނަވާށޭ، މިއަދުވެސް މިތަނުންވެސް މަނިކުފާނު ނެތްކަން އެ ހިތްދަތިކަން އަޅުގަނޑުމެންގެ އެބަވޭ. މަނިކުފާނު ވަޑައިގަންނަވާށޭ، މި ސަފުތަކާ ގުޅި ވަޑައިގަންނަވާށޭ، އަޅުގަނޑުމެން މި ޕާޓީ ކުރިއަށް ގެންދަވާ ހިންގަމާށޭ" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ކޮށްދެއްވަމުން އަންނަ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ގާނޫނީ އޮނިގަނޑަށް އިސްލާހީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެގޮތުން ސަރުކާރުން ހުށަހަޅައިގެން 129 ގާނޫނެއް އިސްލާހުކޮށް، އެ ގާނޫނުތަކުން ރައްޔިތުންނަށް މަންފާވަމުންދާ ކަމަށް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން އެމްޑީޕީން ބޭނުންވީ ޕާޓީގެ ވެރިކަން ދެމެހެއްޓޭނީ އެ މަނިކުފާނަށް ކަމަށްވާތީ ކަމަށެވެ. އަދި 2028 ވަނަ އަހަރުވެސް އުފެދޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެހެންކަމުން ޕާޓީގެ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.