ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ލެޓްވިއާ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ފިރިހެން މީހާއަކީ 50 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ދިރުވާލައިގެން އެތެރެކޮށްފައިވާ 127 ބުލެޓް (1353ގްރާމް) އޭނާގެ ބަނޑުން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް) އިން މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ، ކަސްޓަމްސްއަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ލިބުނު އިންޓެލިޖެންސް މައުލޫމަތަކާ ގުޅިގެން، ފަރެންސޭސި ވިލާތުން ރާއްޖެ އައި 50 އަހަރުގެ ލެޓްވިއާ ފިރިހެން ފަސިންޖަރަކު ހުއްޓުވައި، ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އެތެރެ ހަށީގައި މަސްތުވާތަކެތި ހުރިކަމުގެ ޝައްކުވެގެން އިތުރަށް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ކެޕްސޫލް ދިރުވާލާފައިވާތީ، އެތަކެތީގެ ބަރުދަނާއި އަދަދު ބަލައި، މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.