ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމަށާއި، ރިޔާސީ ޕްރައިމަރީގެ އިންތިހާބު އަލުން ބޭއްވުމަށް އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ވަނީ ނަޝީދުއާ ވާދަކޮށް ކާމިޔާބުކުރައްވައިފައެވެ. އެ އިންތިހާބުގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވުމަށާއި، ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕޮލިސް ބޯޑުގެ މެމްބަރެއް ކަމަށްވާ ހާމިދު އަބްދުލްޣަފޫރެވެ.

އޭނާ ހުށަހެޅުއްވި އެ މައްސަލައިގައި ވަކާލަތު ކުރައްވާނީ ނަޝީދުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ދިޔާނާ ސައީދެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ 39،000 މެމްބަރުން އެ ޕާޓީން ވަކިކޮށްފައިވަނީ އިޖުރާއުތަކާ ހިލާފަށް ކަމަށާއި މެމްބަރަކު ޕާޓީން ވަކިކުރުމަކީ އެ މެމްބަރަކާ ދޭތެރޭ ޕާޓީން އަޅާ ފިޔަވަޅެއް ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ 39،000 މެމްބަރުންނަށް ލިބިގެންވާ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަކަށް ބާއްވާ އިންތިހާބެއް ސައްހަ ނުވާނެ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

އެހެންވެ އެ މައްސަލައިގައި އެދިފައިވަނީ ވަކިކުރި 39،000 މެމްބަރުން ހިމަނައިގެން އަލުން އިންތިހާބެއް ބޭއްވުމުގެ އަމުރަކަށް އެދިފައެވެ. އަދި ވަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާއާ މެދު ގޮތެއް ނުނިމެނީސް، ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ހަވާލުކޮށްގެން ނުވާނެ ކަމަށް އެދި އަމުރެއް ނެރެދިނުމަށްވެސް އެދިފައެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހެޅި އިރު، އަންނަ ހުކުރު ދުވަހު ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރަން އެމްޑީޕީން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވަނީ ރިޔާސީ އިންތިހާބަށް އެމްޑީޕީން ކޯލިޝަން ހެދުމުގެ ބާރު ވެސް ރައީސް ސޯލިހަށް ދިނުމަށް ފާސްކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ނަޝީދުގެ ފެކްޝަނުން ވަނީ 50 އަށްވުރެ ގިނަ މައްސަލަ އެ ޕާޓީގެ އިންތިހާބީ ކޮމިޓީއަށް ހުށަހަޅައިފައެވެ.