ރިޔާސީ އިންތިހާބަށް އެމްޑީޕީން ކޯލިޝަން ހެދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދިނުމަށް އެމްޑީޕީ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީން މިރޭ ވަނީ އިއްޒުއްދީން ސްކޫލުގައި ގައުމީ މަޖިލިސް ޖަލްސާއެއް ބާއްވައިފައެވެ. ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު ދިނުމަށް ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒެވެ.
ނާޝިޒް ހުށަހެޅުއްވި ގަރާރުގައި ވަނީ، ރިޔާސީ ކެންޑިޑޭޓަށް ސިޔާސީ ޕާޓީއަކާއި ނުވަތަ ސިޔާސީ ލީޑަރަކާއި ނުވަތަ ސިޔާސީ ހަރަކާތެއްގެ ލީޑަރަކާއެކު ކޯލިޝަން ހަދަން ފެނިއްޖެ ނަމަ، އެފަރާތަކާއެކު ޕާޓީގެ ނަމުގައި އެއްބަސްވުން އެކުލަވާލުމަށާއި އެފަދަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު ރިޔާސީ ކެންޑިޑޭޓަށް ދޭންވާނެ ކަމަށެވެ.
އެ ގަރާރާ ގުޅޭގޮތުން ގައުމީ މަޖިލީހުގެ މެމްބަރުން ކުރި ބަހުސް ވަނީ ސިއްރުކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) މިރޭ "ވަން" އަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދިނުމަށް ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފައިވާ ކަމަށެވެ.
"85 މެމްބަރުން ގައުމީ ޖަލްސާގައި ބައިވެރިވީ، އޭގެ ތެރެއިން 81 މެމްބަރުން ވޯޓު ދެއްވީ އެ ހުށަހެޅުމާ އެއްގޮތަށް،" އިބުރޭ ވިދާޅުވިއެވެ.
އަންނަ ހުކުރު ދުވަހުގެރޭ ރައީސް ސޯލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް އެމްޑީޕީން ވަނީ ނިންމައިފައެވެ. އިބުރޭ ވިދާޅުވީ ރިޔާސީ ޓިކެޓު ހަވާލުކުރުމަށްފަހު އިންތިހާބުގެ ކެމްޕޭނުގެ ކަންކަން ބާރަށް ކުރިއަށްދާނެ ކަމަށެވެ.
އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ގައުމީ މަޖިިލިސް މެންބަރުން، މިރޭގެ ޖަލްސާ ބޮއިކޮޓްކޮށްފައިވޭތޯ "ވަން" އިން އިބުރޭއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ޖަލްސާ މުޅިއަކުން ބޮއިކޮޓް ކޮށްފައިނުވާ ކަމަށާއި ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ގިނަ މެންބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިކަން ވެސް އިބުރޭ ފާހަގަކުރެއްވިއެވެ.
ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދިނުމަށް ގައުމީ މަޖިލީހުން ނިންމެވި އިރު، ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރޭގައި ރައީސް ސޯލިހު ވަނީ ކޯލިޝަނަކާއެކު މިއަހަރު ބާއްވާ އިންތިހާބުގައި ވާދަކުރެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ވަނީ ނަޝީދުއާ ވާދަކޮށް ކާމިޔާބުކުރައްވައިފައެވެ. އެ އިންތިހާބުގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު