ފީފާއިން ދޭ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ، ފީފާ ދަ ބެސްޓްގެ ގަދަ ތިނެއްގައި ރެއާލް މެޑްރިޑް އަދި ފްރާންސްގެ ކަރިމް ބެންޒެމާއާއި އާޖެންޓީނާ އަދި ޕީއެސްޖީގެ ލިއޮނަލް މެސީގެ އިތުރުން ފްރާންސް އަދި ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ ހިމެނިއްޖެއެވެ.

ފީފާ ދަ ބެސްޓްގެ އެވޯޑުގެ އެކިއެކި މަގާމުގެ ނޮމިނޭޝަންތައް މިހާރު އިއުލާން ކުރަމުންދާދާއިރު، އިއްޔެ ވަނީ އެންމެ މޮޅު ފިރިހެން ތިން ކުޅުންތެރިންނާއި އަންހެން ތިން ކުޅުންތެރިންވެސް އިއުލާންކޮށްފައެވެ. އަންހެން މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ގަދަ ތިނެއްގައި ހިމެނުނީ އެމެރިކާގެ އެލެކްސް މޯގަން، ސްޕެއިންގެ އަލެކްސިއާ ޕުޓޭޔާސް އަދި އިންގްލެންޑްގެ ބެތް މީޑެވެ.

މެސީ މި އަހަރުގެ މަގާމަށް ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރަނީ ޕީއެސްޖީއާއެކު ލީގު ނެގުމުގެ އިތުރުން ގަތަރު ވޯލްޑް ކަޕް 2022ގައި ދެއްކި ތަފާތު މޮޅު ކުޅުމާވެސް އެކުގައެވެ. އާޖެންޓީނާއާއެކު މެސީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް އުފުލާލީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިގެންނެވެ.

މެސީއާ ވާދަކުރާ ޕީއެސްޖީގެ އެމްބާޕޭ ވަނީ ފްރާންސާއެކު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާއާއެކު އެ ލީގުގެ ރަން ބޫޓް އަދި ވޯލްޑް ކަޕްގެ ރަން ބޫޓްވެސް ހޯދައިފައެވެ.

އެ ދެ ކުޅުންތެރިންނާއެކު އެވޯޑަށް ވާދަކުރާ ބެންޒެމާއަކީ އެންމެފަހުން ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާއެވެ. ބެންޒެމާ ރެއާލްއާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ކާމިޔާބުކުރި އިރު، ވޯލްޑް ކަޕް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

ފީފާ އެވޯޑްގެ އެންމެ މޮޅު ގޯލްކީޕަރުންނަށް ވާދަކުރާ ކުޅުންތެރިންގެ ފައިނަލް ލިސްޓްވެސް އިއްޔެ އާންމުކޮށްފައިވާ އިރު، އެންމެ މޮޅު ތިން ފިރިހެން ގޯލްކީޕަރުންނަކީ މޮރޮކޯގެ ޔަސީން ބޯނޫއާއި ބެލްޖިއަމްއާއި ރެއާލް މެޑްރިޑްގެ ތީބޯ ކޯޓުއާ އަދި އާޖެންޓީނާގެ "ހީރޯ" އެމިލިއާނޯ މާޓީނޭޒްއެވެ.

ނޫސްވެރިންނާއި، ކުލަބުތަކާއި ގައުމީ ޓީމުތަކުގެ ކޯޗުން އަދި ކެޕްޓަނުންގެ ވޯޓުން ހޮވާ ފީފާ ބެސްޓް އެވޯޑު ހަފުލާ އޮންނާނީ މި މަހުގެ 27 ގައެވެ.