ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ފްރާންސް އަދި ޕީއެސްޖީގެ ތަރި އުސްމާން ޑެމްބެލޭ ހޯދައިފިއެވެ.

ޑެމްބެލާއަކީ ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް މިރޭ އިއުލާނު ކޮށްފައި ވަނީ ފީފާ ބެސްޓް އެވޯޑް ހަފުލާގައެވެ. މިފަހަރުގެ އެވޯޑް ހަފުލާ ބާއްވާފައި ވަނީ ގަތަރުގެ ވެރި ރަށް ދޯހާގައެވެ.

ދާދިފަހުން، މިދިޔަ ސެޕްޓެމްބަރު މަހު ބެލޮން ޑިއޯވެސް ހޯދި ޑެމްބެލާއަކީ މިދިޔަ ސީޒަނުގައި އެންމެ ފޯމު ރަނގަޅުކޮށް ފެނުނު އެއް ކުޅުންތެރިޔާއެވެ. އެ ކްލަބުން މިދިޔަ ސީޒަނުގައި ޓްރެބަލް ކާމިޔާބު ކޮށްފައިވާ އިރު، ކްލަބު ވޯލްޑް ކަޕްގެ ފައިނަލުގައިވެސް ކުޅެފައިވެއެވެ.

ޕީއެސްޖީން މިދިޔަ ސީޒަނުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، އެ ސީޒަނުގައި ޑެމްބެލޭ ވަނީ 35 ގޯލް ޖަހައިފައެވެ. އޭގެ ތެރޭގައި ލީގުގައި ޖެހި 21 ގޯލް ހިމެނޭ އިރު، އޭނާއަކީ މިދިޔަ ސީޒަނުގައި ފްރާންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާވެސް މެއެވެ.

މިފަހަރު ފީފާ އެވޯޑްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ މީގެ ކުރިން ދެ އަހަރުވެސް އެމަގާމު ހޯދި ސްޕެއިން އަދި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމަޓީއެވެ.

ބޮންމަޓީ މިފަހަރު ބެލޮން ޑިއޯވެސް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދި އިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ ބާސާއާއެކު ޑޮމެސްޓިކް ހުރިހާ ތަށްޓެއް ހޯދައި، ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް ކުޅެފައެވެ. އޭގެ އިތުރުން ބޮންމަޓީ ވަނީ ސްޕެއިނާއެކު ޔޫރޯ ފައިނަލަށްވެސް ގޮސްފައެވެ.

ފީފާ އެވޯޑްސްގައި އެންމެ މޮޅު އަންހެން ކޯޗަކަށް އިންގްލެންޑްގެ ސަރީނާ ވީގްމޭން ހޮވުނު އިރު، އެންމެ މޮޅު ފިރިހެން ކޯޗަަކީ ލުއިސް އެންރިކޭއެވެ. އަންހެން އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ޗެލްސީ އަދި އިންގްލެންޑް ހެނާ ހެމްޓަން ހޯދި އިރު، ފިރިހެން އެންމެ މޮޅު ކީޕަރަކީ މި ސީޒަނަށް ޕީއެސްޖީ ދޫކޮށް، މެންޗެސްޓާ ސިޓީއަށް ބަދަލުވި ޖިއާންލުއީޖީ ޑޮނަރޫމާއެވެ.

އަންހެން ފުޓުބޯޅައިގެ އެންމެ މޮޅު ގޯލަށް ދޭ ފީފާ މާޓާ އެވޯޑު، މެކްސިކޯގެ ލިޒެބެތު އޮވާލޭއަށް ލިބުނު އިރު، ޕުސްކަސް އެވޯޑު ހޯދީ އާޖެންޓީނާ ލީގުގެ އިންޑިޕެންޑިއެންޓޭއަށް ކުޅޭ، ސަންޓިއާގޯ މޮންޓިއެލްއަށެވެ.