ފީފާއިން ހޮވާ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާ ހޯދައިފިއެވެ.
އުމުރުން 24 އަހަރުގެ ވިނީޝިއަސް ވަނީ މިދިޔަ ސީޒަނުގައި ރެއާލްއާއެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. ރެއާލަށް އެ ކާމިޔާބު ހޯދައިދިނުމުގައި ވިނީޝިއަސް ވަނީ މުހިއްމު ދައުރެއްވެސް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ 24 ގޯލު ޖަހައި 11 އެސިސްޓް ފުރިހަމަކޮށްފައެވެ.
ފީފާއިން ދޭ ދަ ބެސްޓް އެވޯޑަކީ ފުޓުބޯޅައިގައި މިވަގުތު ދޭ އެންމެ ޝަރަފުވެރި އެއް އިންޑިވިޖުއަލް އެވޯޑެވެ. އެ އެވޯޑު ދިނުމަށް ބަލަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހަށެވެ. ފީފާ ބެސްޓް އެވޯޑަށް އާއްމުންގެ ވޯޓާއި ނޫސްވެރިންގެ ވޯޓުގެ އިތުރުން ގައުމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ ވޯޓު ގުނައެވެ. އޭގެ ތެރެއިން ކޮންމެ ގްރޫޕެއްގެ ވޯޓަކީވެސް 25 ޕަސެންޓެވެ.
ފީފާ ބެސްޓް އެވޯޑަކީ ވިނީޝިއަސްއަށް މިހާތަނަށް ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފެވެ. ދާދިފަހުން ދިން ބެލޮންޑިއޯ އެވޯޑު އޭނާއަށް ލިބިފައި ނުވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރެއާލުން ވަނީ އެ ހަފުލާ ބޮއިކޮޓްވެސް ކޮށްފައެވެ.
އޭގެ އިތުރުން ވިނީޝިއަސްވެސް އެވޯޑަށް ފާޑު ކިޔާފައިވާ އިރު، އެފަހަރު ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފީފާ އެވޯޑުގެ ދެވަނައަށް ދިޔަ ރޮޑްރީއެވެ.
ފީފާ ދަ ބެސްޓް އެވޯޑު ލިބުމާއެކު ވިނީޝިއަސް ބުނީ އޭނާގެ އުފަން ރަށް، ސައޮ ގޮންކާލޯގައި ހުސް ފައިގައި ބޯޅަ ކުޅެން އުޅުނު އިރު، މިހާ ޝަރުވެރި އެވޯޑެއް ލިބޭނެ ކަމާމެދު އެއްވެސް އުންމީދެއް ނުކުރާ ކަމަށެވެ.
މިފަހަރުގެ ފީފާ އެވޯޑު ގަތަރުގައި ބާއްވާފައިވާ އިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދީ ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމަޓީއެވެ. އެންމެ މޮޅު ކީޕަރަކަށް އާޖެންޓީނާ އަދި އެސްޓަން ވިލާގެ އެމިލިއާނޯ މާޓިނޭޒް ހޮވުނު އިރު، އެންމެ މޮޅު ގޯލަކީ މެންޗެސްޓާ ޔުނައިޓެޑްގެ އެލެހާންޑްރޯ ގާނާޗޯ އެވަޓަން ކޮޅަށް ޖެހި ބައިސްކަލް ކިކެވެ.
މިފަހަރުގެ އެވޯޑުގައި އެންމެ މޮޅު ފިރިހެން ކޯޗަކީ ރެއާލް މެޑްރިޑްގެ ކާލޯ އެންޗެލޮޓީއެވެ.
ފީފާ ދަ ބެސްޓް
ފީފާ ދަ ބެސްޓް
ފީފާ ދަ ބެސްޓް
ފީފާ ދަ ބެސްޓް