ރޭ އިއުލާނު ކުރި ފީފާ ދަ ބެސްޓް އެވޯޑުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑަށް ރާއްޖޭގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުވެސް އުސްމާން ޑެމްބެލޭއަށް ވޯޓު ދީފިއެވެ.
ޑެމްބެލާއަކީ ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ރޭ އިއުލާނު ކޮށްފައި ވަނީ ފީފާ ބެސްޓް އެވޯޑް ހަފުލާގައެވެ. މިފަހަރުގެ އެވޯޑް ހަފުލާ ބާއްވާފައި ވަނީ ގަތަރުގެ ވެރި ރަށް ދޯހާގައެވެ.
ދާދިފަހުން، މިދިޔަ ސެޕްޓެމްބަރު މަހު ބެލޮން ޑިއޯވެސް ހޯދި ޑެމްބެލާއަކީ މިދިޔަ ސީޒަނުގައި އެންމެ ފޯމު ރަނގަޅުކޮށް ފެނުނު އެއް ކުޅުންތެރިޔާއެވެ. އެ ކްލަބުން މިދިޔަ ސީޒަނުގައި ޓްރެބަލް ކާމިޔާބު ކޮށްފައިވާ އިރު، ކްލަބު ވޯލްޑް ކަޕްގެ ފައިނަލުގައިވެސް ކުޅެފައިވެއެވެ.
ޕީއެސްޖީން މިދިޔަ ސީޒަނުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، އެ ސީޒަނުގައި ޑެމްބެލޭ ވަނީ 35 ގޯލް ޖަހައިފައެވެ. އޭގެ ތެރޭގައި ލީގުގައި ޖެހި 21 ގޯލް ހިމެނޭ އިރު، އޭނާއަކީ މިދިޔަ ސީޒަނުގައި ފްރާންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާވެސް މެއެވެ.
ފީފާ އެވޯޑު ދިނުމުގައި 25 ޕަސެންޓް މާކްސްއަކީ ގައުމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ބައެއް ނޫސްވެރިންނާއި ސަޕޯޓަރުންގެ ދޭ ވޯޓެވެ.
ރާއްޖޭގެ ކެޕްޓަން ސަމުއްޓެވެސް އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ޑެމްބެލޭއަށް ވޯޓު ދިން އިރު، އޭނާގެ ދެވަނައަކީ ކިލިއަން އެމްބާޕޭއެވެ. ތިންވަނައަކީ ލިވަޕޫލްގެ މުހައްމަދު ސަލާހެވެ.
ކޯޗު މޯހަންގެ އެއްވަނައަކަށް ޑެމްބެލޭއަށް ވޯޓު ދިން އިރު، ދެވަނައަކީ ލެމީން ޔަމާލެވެ. އަދި އޭނާގެ ތިންވަނައަކީ ރަފީނިއާއެވެ. މޯހަން ތިންވަނައަކަށް ނެގި ކުޅުންތެރިޔާ ރަފީނިއާ ދުނިޔޭގެ އެންމެ މޮޅު 11 ގައިވެސް ހިމެނިފައި ނުވާ އިރު، އެކަމަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުންވެސް އަމާޒުވެފައެވެ.
ރާއްޖޭގެ ނޫސްވެރިއެއްގެ ގޮތުގައި އައްޒާމް އަލީ ވޯޓު ދީފައިވާ އިރު، އައްޒާމްގެ އެއްވަނައަކީވެސް ޑެމްބެލޭއެވެ. ދެވަނައަކީ ރަފީނިއާއެވެ. އަދި ތިންވަނައަކީ ސަލާހެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ރާއްޖޭން ވޯޓުލި ގައުމީ ކެޕްޓަން ހައްވާ ހަނީފާ ވޯޓު ދީފައިވަނީ އެވޯޑު ހޯދި، އައިޓާނާ ބޮންމާޓީ، ލޫސީ ބްރޯންޒް އަދި އަލެކްސިއާ ޕުޓޭޔަސް އަށެވެ. އަދި، ކޯޗުގެ ހައިސިއްޔަތުން ރާއްޖޭން ވޯޓުލި މަރިޔަމް މިރުފަތު ވޯޓު ދިނީވެސް ބޮންމާޓީގެ އިތުރުން، ލޫސީ ބްރޯންޒް އަދި އަލެކްސިއާ ޕުޓޭޔާސް އަށެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ ދަ ބެސްޓް
ފީފާ ދަ ބެސްޓް
ފީފާ ދަ ބެސްޓް
ފީފާ ދަ ބެސްޓް