Close
ޚަބަރު

ޒުވާނުންނަށް ނާޒިމްގެ ވައުދެއް: ގެސްޓުހައުސްތައް ތަރައްގީކޮށް، ތަޅުދަނޑި ހަވާލުކޮށްދޭނަން!

މުހައްމަދު އިޝާން

10

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރަށްރަށުގައި ގެސްޓްހައުސް ތަރައްގީކޮށް، ޒުވާނުންނަށް ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫގައި އެމްއެންޕީގެ ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ގުރައިދުއަށް އިހުމާލުވުމުން، އެ ރަށުން ފެންނަނީ ނިކަމެތިކަން ކަމަށާއި ގުރައިދުއަށް ވަޑައިގަތުމުން ފެންނަނީ 19 ވަނަ ގަރުނުގެ ސިފަތައް ކަމަށެވެ. އަދި 20 ވަނަ ގަރުނުގެ ތަރައްގީ ސަރުކާރުތަކުން ގުރައިދުއަށް ގެނެސްދީފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގުރައިދޫ ގެސްޓްހައުސްތައް ހިންގާ މީހުންނަށް އެކަށީގެންވާ އަދަދެއްގެ އާމްދަނީ ލިބެމުން ނުދާ ކަމަށާއި ގުރައިދޫގެ ކައިރީގައި ރިސޯޓުތަކެއް ހިންގިޔަސް ގުރައިދޫގެ ރައްޔިތުންނަށް އެކަމުން މަންފާއެއް ނުލިބޭ ކަމަށެވެ. އަދި އެމްއެންޕީގެ ވެރިކަމެއްގައި ރިސޯޓުތަކަށް އެ ރިސޯޓަކާ ކައިރީގައިވާ ރަށްރަށުން ވިޔަފާރިކުރަން މަޖުބޫރުކުރުވާނެ ކަމަށާއި ރައްޔިތުންނަށް މަންފާ ނުވަންޏާ ރިސޯޓުތައް ހަދަން ރަށްތަކާއި ފަޅުތައް ދިނުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރައިދޫގައި ގެސްޓްހައުސް ހިންގުމަށް އެމްއެންޕީގައި ސިޔާސަތެއް އެބައޮތް ކަމަށާއި އެއީ ކާމިޔާބު ސިޔާސަތެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގެސްޓްހައުސްގެ ސިޔާސަތުގައި ތަފާތު ކަންކަން އެބަހުރި. އަޅުގަނޑުމެން ގެސްޓްހައުސް ހަދާކަށް ބިމެއް ނޫން ދޭނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިޔާސަތަކަށް އޮތީ މިކަހަލަ ރަށްތަކުގައި، އަޅުގަނޑުމެން ކަނޑައަޅާ ރަށްތަކުގައި ގެސްޓްހައުސް ހަދާފައި އަޅުގަނޑުމެން ދޭނީ. އަޅުގަނޑުމެން ދޭނީ ގެސްޓްހައުސް ހަދާފައި ޒުވާނުންގެ އަތަށް ތަޅުދަނޑި. ހަތަރު ބުރީގެ، ފަސް ބުރީގެ ގެސްޓްހައުސް ހަދާފައި ތަޅުދަނޑި ދީފައި ދެން ބުނަނީ ވިޔަފާރިކޮށްގެން ދައްކާށޭ. އެނުން ކޮންކަމެއްތޯ ކުރެވޭނީ މިއަދު،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ އާއިލީ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ގުރައިދޫގައި ދިހަ ބުރީގެ ގެސްޓްހައުސެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ފާހަގަކުރައްވައި ވިދާޅުވީ، އެ ގެސްޓްހައުސް ނިމި އޮޕަރޭޝަން ފެށުމުން ގުރައިދުއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި އެގޮތުން އެތަނުގައި މަސައްކަތްކުރާ 95 ޕަސަންޓް މުވައްޒަފުންނަކީ ގުރައިދޫގެ މީހުންނަށް ވެގެންދާނެ ކަމަށެވެ. އަދި އެ ގެސްޓްހައުސް ނިމުމުން ޖެހިގެން އޮތް ބިމުގައި އިތުރު ގެސްޓްހައުސެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އާރުސީސީގެ ގެސްޓްހައުސްގެ ސަބަބުން ގުރައިދޫއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށަކަށްވެ، ރަށުގައި ހިންގާ އެހެން ގެސްޓްހައުސްތަކަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

ރަށުގެ ތަރައްގީއަކީ ބިން ހިއްކައިގެންނާއި ބަނދަރު ތަރައްގީކޮށްގެން އަދި ނަރުދަމާ އަޅައިގެން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި ގުރައިދޫގައި ބަނދަރެއް ހަދައިފައިވިޔަސް، އެއިން ނަފާއެއް ލިބޭ މީހަކު ނެތް ކަމަށެވެ. އަދި ހިއްކާފައިވާ ބިމުން ގޯތި ދެވޭނެ ގޮތެއްވެސް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ސަރުކާރުތަކުން ސިޔާސަތުތައް ބައްޓަންކޮށްފައިވާ ގޮތުގެ ސަބަބުން މުއްސަނދި ވެގެންދަނީ ހަމައެކަނި މުއްސަނދިން ކަމަށާއި އެމްއެންޕީން އެ ސިޔާސަތަކަށް ނިމުމެއް ގެންނާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟