މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ރޭ ކުޅުނު މެޗުތަކުން، ހއ. ދިއްދުއާއި އެ އަތޮޅު މުރައިދޫ، ވަށަފަރު، ތުރާކުނު، އުތީމުގެ އިތުރުން ހދ. ފިނޭއާއި އެ އަތޮޅު ވައިކަރަދޫ މޮޅުވެއްޖެއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާއިރު، ރޭ ކުޅެފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ މެޗުތަކެވެ. އެ ދެ އަތޮޅުގެ މެޗުތައް މުބާރާތުގެ ފުރަތަމަ ރޭގައިވެސް ކުޅެފައިވާ އިރު، ރޭ ކުޅުނީ ގިނަ ޓީމުތަކުގެ ދެވަނަ މެޗެވެ. ހއ. އަތޮޅުން 12 ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެމުން އަންނަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.
އެ އަތޮޅުގެ ޗެމްޕިއަން ކަނޑައަޅަން ކުޅޭ ފައިނަލަށް ޓީމުތައް ދަތުރު ކުރާނީ ނޮކްއައުޓް ބުރަކަށް ފަހުއެވެ. އެއީ ކުއާޓާ ފައިނަލްގެ ހަތަރު މެޗާއި ސެމީ ފައިނަލް ދެމެޗަށްފަހުއެވެ. ކުއާޓާއަށް ދާނީ ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެޓީމާއި ތިން ގްރޫޕްގެ ތެރެއިން، ތިންވަނައިގައި އޮންނަ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމެކެވެ. ވަށަފަރާއި ދިއްދޫ ކުޅުނު ދެމެޗުންވެސް މޮޅުވެ، އެދެޓީމަށް ވަނީ ހަ ޕޮއިންޓާއެކު ކުއާޓާ ޔަގީން ވެފައެވެ.
ގްރޫޕް އެކެއްގައި ތުރާކުނާއި މުރައިދޫ ވާދަކުރި މެޗު، ތުރާކުނުން 3-2 އިން ކާމިޔާބު ކޮށްފައިވާ އިރު، ދެ ޓީމުވެސް ރޭގެ މެޗަށް ނުކުތީ ފުރަތަމަ މެޗުން ބަލިވުމުގެ ހަނދާން ނައްތާލުމަށެވެ. ތުރާކުނުން ދެވަނަ މެޗުގައި މޮޅެއް ހޯދައި ހިތްވަރު އާކުރި އިރު، އެޓީމުގެ ގޯލުތައް ޖެހީ އަހުމަދު ސިރާޖާއި އަހުމަދު ހުޝާމެވެ. މެޗުގައި ސިރާޖު ދެ ގޯލް ޖެހި އިރު، އަނެއްކޮޅުން ގޯލުތައް ޖެހީ އަހުމަދު މުހައްމަދާއި ހުމައިދު ހުސައިނެވެ.
އެ ގްރޫޕުގެ އަނެއް މެޗުގައި ބާރަށާއި ކެލާ 1-1 އިން އެއްވަރުވި އިރު، ބާރަށުގެ ގޯލު ޖެހީ އަބްދުﷲ މިސްބާހެވެ. ކެލާގެ ގޯލު ޖެހީ އަލީ އިމާދެވެ. ބާރަށައި ކެލާއިންވެސް މުބާރާތުގެ ފުރަތަމަ ރޭގައި ކުޅުނު މެޗުތަކުން މޮޅުވެފައި އޮތުމާއެކު ކުއާޓާގެ ފުރުސަތު ދެޓީމަށްވެސް އޮތީ ފަހިކޮށެވެ.
ހއ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ އުތީމުން 3-0 އިން އިހަވަންދޫ ބަލިކުރި އިރު، މެޗުން މޮޅުވެ އުތީމަށްވެސް ވަނީ ފުރުސަތު ބޮޑުވެފައެވެ. އެއީ އުތީމުން ފުރަތަމަ ކުޅުނު މެޗުގައި ހޯރަފުށި ކައިރިން ޕޮއިންޓެއް ހޯދާފައި އޮތުމުންނެވެ. އުތީމުގެ ގޯލުތައް ޖަހައިދިނީ ރިޝްވާން އިބްރާހީމް ރަޝީދު މޫސާއާއި އަބްދުﷲ ޝާކިރު އަދި މުހައްމަދު މަޒީނެވެ. އެ ގްރޫޕުގައި ރޭ ކުޅުނު ފޯރިގަދަ އަނެއް މެޗުގައި ވަށަފަރުން ހޯރަފުށި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އަހުމަދު ނިޔާޒް (ނިޔާ) ގެ ކޯޗުކަމުގެ ދަށުގައި ކުޅެމުންދިޔަ ވަށަފަރަށް ގޯލުތައް ޖަހައިދިނީ އަބްދުﷲ ސިނާނާއި ސާޖިދު ރަޝީދެވެ. މެޗުގައި ހޯރަފުށީގެ ގޯލު ޖެހީ ޒިޔާދު މުހައްމަދެވެ.
ހއ. އަތޮޅު ގްރޫޕް ތިނެއްގައި ރޭ މުރައިދޫން ތަކަންދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ދެޓީމުވެސް ފުރަތަމަ ކުޅުނު މެޗުން ބަލިވެފައި އޮވެ ރޭގެ މެޗަށް ނުކުތް އިރު، މޮޅެއް އޮތީ މުހިއްމު ވެފައެވެ. މުރައިދޫން ހޯދި މުހިއްމު މޮޅުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އިޔާން އަހުމަދު ރަޝީދާއި އަހުމަދު ނައުފަލެވެ. ތަކަންދޫގެ ގޯލް ޖަހައިދިނީ ހަމްދާން އަހުމަދު ސަލީމެވެ. އެ ގްރޫޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ދިއްދޫން ދެވަނަ މޮޅެއް ހޯދީ 2-1 އިން ފިއްލަދޫ ބަލިކޮށްގެންނެވެ. ދިއްދޫން ފުރަތަމަ މެޗުގައިވެސް ބޮޑު މޮޅެއް ހޯދާފައި އޮތް އިރު، ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ހުސައިން ރަޝީދާއި ތައުމީން ނޫހެވެ. ފިއްލަދޫގެ ގޯލް ޖެހީ އާދަމް އަބްދުލް ރަހީމެވެ.
ރޭ ހދ. އަތޮޅުގެ ދެ މެޗު ކުޅެފައިވާ އިރު، އެ އަތޮޅުގެ މެޗުތައް ކުރިއަށްދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެއީ ނުވަ ޓީމު ވާދަކުރާތީއެވެ. ރޭ ކުޅުނީ އެ އަތޮޅުގެ ގްރޫޕް ދޭއްގެ ދެމެޗެވެ. އަތޮޅު ބުރުގެ ފުރަތަމަ މެޗުން ބަލިވެފައި އޮތް ފިނޭ ރޭ ކުޅުނު މެޗުގައި މަކުނުދޫ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލް މަކުނުދޫގެ ޝިބާން އަހުމަދު ޖެހި ނަމަވެސް، ފިނޭއިން ވަނީ ފަހަތުން އަރައި ދެ ގޯލް ޖަހައިފައެވެ. ފިނޭގެ ދެ ގޯލްވެސް ޖެހީ އަހުމަދު އަފްރާހެވެ.
ހދ. އަތޮޅު ވައިކަރަދޫން މުބާރާތުގެ އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ނެއްލައިދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ވައިކަރަދޫގެ ދެ ގޯލްވެސް ޖަހައިދިނީ އިބްރާހީމް އަގީލެވެ. އަނެއްކޮޅުން ނެއްލައިދޫގެ ގޯލް ޖެހީ މުހައްމަދު ސާވިންއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ. މުބާރާތުގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް އޮންނާނެއެވެ.
20:00 ކ. ތުލުސްދޫ - ކ. ގާފަރު (ގްރައުންޑް 1)
20:00 ތ. ގާދިއްފުށި - ތ. ވޭމަންޑޫ (ގްރައުންޑް 2)
21:00 ކ. ގުރައިދޫ - ކ. ދިއްފުށި (ގްރައުންޑް 1)
21:00 ތ. ހިރިލަންދޫ - ތ. އޮމަދޫ (ގްރައުންޑް 2)
22:00 ށ. ފީވަށް - ށ. ޅައިމަގު (ގްރައުންޑް 1)
22:00 އއ. ރަސްދޫ - އއ. ފެރިދޫ (ގްރައުންޑް 2)
23:00 ރ. އިނގުރައިދޫ - ރ. އިންނަމާދޫ (ގްރައުންޑް 1)
23:00 އއ. ތޮއްޑޫ - އއ. މަތިވެރި (ގްރައުންޑް 2)