މާލޭގެ މިސްކިތަކަށް ނަމާދަށް ދިޔަ ކުއްޖަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޗާނދަނީމަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ. އެމީހާ ވަނީ އެ މިސްކިތަށް ނަމާދަށް ދިޔަ ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާގެ ޖިންސީ ގުނަވަން ދައްކައިފައިކަންވެސް އެނގިފައިވެއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ބިދޭސީއަކު އިއްޔެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިސްކިތަށް ދިޔަ ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވިއިރު، މިދިޔަ މަހުގެ ތެރޭގައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދެ މައްސަލައެއްގައި 60 އަހަރުގެ މީހަކާއި 73 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.