ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ޖަލްސާ ފެށުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާން ގާނޫނާހިލާފު ކަމަށާއި އެ ބަޔާނަށް ދޭނެ ޖަވާބެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރިޔާސީ ބަޔާން ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދައުވާކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނައިބު ރައީސްއާ މަސްއޫލިއްޔަތުތައް ހަވާލުކުރައްވާފައި ކަމަށާއި އެ ނައިބު ރައީސް ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމަށްފަހު އެފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އެހެން ބޭފުޅަކު ހަވާލުވެވަޑައިގެންނެވިކަން ރައްޔިތުންނަށް ނޭނގޭ ކަމަށެވެ.
"ގާނޫނުއަސާސީގައި މި އޮންނަނީ ރިޔަސީ ބަޔާން ދެއްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެކޭ. އެހެންމެ ގާނޫނުއަސާސީއާ ހިލާފަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެ ދެއްވި ރިޔާސީ ބަޔާނަކީ އެއީ ގާނޫނުއަސާސީއާ ހިލާފަށް ދެއްވި ބަޔާނެއް. ދެން އެ ބަޔާނަށް ރައީސުލްޖުމްހޫރިއްޔާކަށް ހުންނަވާ ބޭފުޅަކު ދެއްވާ ބަޔާނަކަށް މި އޮންނަނީ މަޖިލީހުގެ މައިނޯރިޓީން ޖަވާބުދާރީވާން. މަޖިލީހުގެ މައިނޯރިޓީ އެއްކޮށް ނެރުނީ،" ޝިޔާމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރިޔާސީ ބަޔާން އިއްވުން ހުއްޓިފައިވަނިކޮށް ތަޅުމުން ބޭރަށް ވަޑައިގަތުމަށްފަހު އަލުން ވަންނަން ވަޑައިގެންނެވުމުން، އެކަމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާއަކީ މައިނޯރިޓީ ލީޑަރުކަމަށްވުމުން ރިޔާސީ ބަޔާނަށް ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނީ އޭނާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގައިދިނުމަށް ސެކިއުރިޓީން ގާތުގައި އެދިވަޑައިގެންނެވި ކަމަށެވެ.
ސަލީމް ވިދާޅުވީ ތަޅުމަށް ވައްދައިދިނުމަށް އާދޭސް ކުރެއްވުމުންވެސް ވައްދައިދީފައިނުވާ ކަމަށެވެ. އެއިރު ނަން އިއްވާފައިނުވާ ކަމަށާއި އެ މީހުން ނުވެއްދީ މި ސަރުކާރުގެ ގާބިލު ކަމެއް ނެތުމުން ކަމަށާއި ނަން އިއްވާފައިނުވަނީސް ތަޅުމަށް ވެންނެވުމަށް ހުރަސް އަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ރިޔާސީ ބަޔާނަކަށް ޖަވާބު ދީފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގެ ބައެއް ނޫން ކަމަށާއި އެމްޑީޕީއަކީ ހުދުމުހުތާރު، އަނިޔާވެރި ބައެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ބަޔާން އިއްވީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި އެހެންކަމުން އެ ބަޔާނަށް ޖަވާބުދާރީނުވާނެ ކަމަށެވެ.
"ވަރަށް ސާފުކޮށް މިދަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ ހުންނަ މީހަކު ދޭ ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބުދާރީވާން ޖެހެނީ. އިބްރާހިމް މުހައްމަދު ސޯލިހަކީ ރައީސް ކަމަށް ގަބޫލެއް ނުކުރައްވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ކަޅު ދުވަހެއް ކަމަށެވެ. މަޖިލީހުގައި މިއަދު ހިންގި ކަންކަމަކީ ޑިމޮކްރަސީގެ ނަން އަޅުވައިގެން ތިއްބެވި ބަޔަކު ކުރެއްވި ހަޑި މުޑުދާރު އަދި ފިނޑި އަމަލެއް ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ މަޖިލީހުގައި އިދިކޮޅު މެމްބަރުންނާ ދޭތެރޭގައި ކަންތައް ކުރެއްވި ގޮތް ކުށްވެރި ކުރައްވާ ކަމަށާއި އެކަންކަމުގެ އޮޑިޓެއް ހައްދަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު