ހިލޭ ޑިގްރީ ޕްރޮގްރާމަކީ މައިންބަފައިންނާއި ބެލެނިވެރިންގެ ރޭނިދި ގެއްލި ދިއުމަށް މިސަރުކާރުން ދިން ތަސައްލީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވައިދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ގައުމަކުން ނުކުރާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކައި އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމް ކަމަށެވެ.
"މި ޕްރޮގްރާމަކީ ކޮންމެ މަޔަކާއި ބަފައެއްގެ އަދި ބެލެނިވެރިއެއްގެ ރޭނިދި ގެއްލި ދިއުމަށް މިސަރުކާރުން ދިން ތަސައްލީ. އެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތައިލެވިއްޖެ" ރައީސް ވިދާޅުވިއެވެ.
ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ކޮންމެ ދިވެހި ޒުވާނަކަށް އެބައޮތް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދާ ހަމައަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ލޯން ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނަވަމުން އަންނަ ކަމަށާއި އެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އިތުރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު