ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި "ބުންވަރު" ހިނގާލުން ގިނަ އަދަަދެއްގެ މީހުންނާއެކު މިއަދު ހަވީރު ބާއްވައިފިއެވެ.
"ބުންވަރު" ހިނގާލުމަކީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ގޮތުން އިއްޔެ ފެށި "ހޯމް ކޮންފަރެންސް"ގެ ބައެކެވެ. އެ ކޮންފަރެންސްގައި ބައިވެރިވުމަށް ރަށްރަށުން މާލެ އައި ކައުންސިލަރުންނާއި އަންހެނުންގެ ގޮފިތަކާއި ޒުވާނުންގެ ގޮފިތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުން ހިނގާލުމުގައި ބައިވެރިވި އެވެ.
ހިނގާލުމުގެ ކުރީ ސަފުގައި ތިއްބެވީ އިދިކޮޅުގެ އިސް ސިޔާސީ ބޭފުޅުންނެވެ. އެ ބޭފުޅުން ތިއްބެވީ ފިޔާތޮށި ޓީޝާޓު ލައިގެން، "ރައީސް ޔާމީން މިނިވަންކުރޭ" ޖަހާފައިވާ ބޮޑު ބެނާއެއްގެ ފަހަތުގައެވެ.
ޕީޕީއެމް އޮފީހުގެ ކުރިމަތިން ފަށައިގެން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމަކީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ބާއްވަން ފެށި ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވި ހަރަކާތެވެ.
ހިނގާލުމުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާފައިވެއެވެ. އެ ހިނގާލުން ކުރިއަށް ގެންދިޔަ މަގުތަކުގެ ޓްރެފިކް މެނޭޖްކުރުމުގައި ފުލުހުން އެހީތެރިވިއެވެ.