ޚަބަރު

ޔާމީނަށް ވާދަނުކުރެއްވޭ ހާލަތަކަށް ވިސްނާކަށް ބޭނުމެއް ނޫން: އަދުރޭ

މުހައްމަދު އިޝާން

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވާދަނުކުރެއްވޭ ހާލަތަކަށް ވިސްނަވަން ބޭނުންފުޅުނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ އިން ދަރުބާރުގޭގައި މިއަދު ފެށި "ހޮޕް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އިސްތިއުނާފީ މަރުހަލާއިން ޔާމީންގެ މިނިވަންވެޑައިގަންނަވާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ނަންފުޅު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދިދާނެ ސުވާލެއް ރައީސް ޔާމީނަށް އެއްވެސް ހާލަތެއްގައި ކުރިމަތި ނުލެވިއްޖިއްޔާ ދެން ކޮބައިހޭ ތިބޭފުޅުންގެ ވިސްނުމަކީ. އަޅުގަނޑުމެންގެ ނެތޭ ވިސްނުމެއް، އެ އެހާލަތަކަށް ވިސްނާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު 100 ޕަސަންޓް ޔަގީންކަން އެބައޮތް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޔާމީން އެދިވަޑައިގަންނަވަނީ ރައްޔިތުން މާޔޫސް ނުވުމަށާއި އަޅުވެތިކަމަށް ދިޔުމަށް އާއެކޭ ނުބުނުމަށާއި މިނިވަން ކަމަށްޓަކައި އެންމެ ފަހު ނޭވާއާ ހަމައަށްވެސް މަސައްކަތް ކުރުމަށް ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުންނާއި ޔާމީން ބޭނުންފުޅު ވަނީ ވަކި ބޭފުޅަކަށް ވެރިކަން ކޮށްދެއްވަން ނޫން ކަމަށާއި ބޭނުންވަނީ ދިވެހިންނަށް ދިވެހިންގެ ވެރިކަމެއް ކޮށްދެއްވަން ކަމަށް އަދުރޭ ވިދާޅުވިއެވެ. މަސައްކަތް ކުރަމުން ދަނީ އަންނަން އޮތް ޖީލުތަކަށް ސުލްހަވެރި އަމާން ގައުމެއް ފޯރުކޮށްދިނުމަށް ކަމަށް އަދުރޭވިދާޅުވިއެވެ.

ޕީޕީއެމް ލީޑާޝިޕުގެ އެއްވެސް ބޭފުޅަކު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިނުގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.