ޚަބަރު

"ހޯޕް ކޮންފަރެންސް" ފަށައިފި، މެމްބަރުން ވިދާޅުވީ ޔާމީން ނޫން ކެންޑިޑޭޓަކު ބޭނުންނުވާ ކަމަށް!

މުހައްމަދު އިޝާން

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށްޓަކައި ބާއްވާ ބޮޑު މަހާސިންތާ "ހޯފް ކޮންފަރެންސް" ރަސްމީކޮށް ފަށައިފިއެވެ.

ދަރުބަރާގޭގައި މިއަދު "ހޮޕޯ ކޮންފަރެންސް" ފަށާފައިވަނީ 900 އަށްވުރެ ގިނަ މަންދޫބުންނާ އެކުއެވެ. އެ ކޮންފަރެންސް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެއެވެ. "ހޯޕް ކޮންފަރެންސް" މިއަދު ފަށާފައިވަނީ ޔާމީން ނޫން ކެންޑިޑޭޓެއް ބޭނުން ނުވާ ކަމުގެ މެސެޖާ އެކުގައެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެ ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީންގެ ހާއްސަ މެސެޖެއް އިއްވަވައިފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ ރައްޔިތުން މާޔޫސް ނުވުމަށާއި އަޅުވެތިކަމަށް ދިޔުމަށް އާއެކޭ ނުބުނުމަށާއި އެންމެ ފަހު ނޭވާއާ ހަމައަށް މިނިވަން ކަމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެ މަނިކުފާނު ވިދާޅުވަނީ ދިވެހިރާއްޖޭގެ ކޮންމެ ފަސްގަނޑަކުން، މީހުން ދިރިއުޅޭ ކޮންމެ ފަސްގަނޑަކުން ފަސް ވަގުތު ބަންގީގެ އަޑު ކަނޑައިގެންދާކަނަށް ތިމަންނައެއް ޖާގައެއް ނުދެއްވާނަމޭ. ދިވެހިންގެ ގައުމިއްޔަތާ ދިވެހިންގެ ދީނާ ދިވެހިންގެ މިނިވަންކަމަށް ބުރޫ އަރާ ކަމެއް ހިފައިގެން އެއްވެސް ބޭފުޅަކު ތިމަންނަގެ ކުރިމައްޗަށް ނާންނާށޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީންއަކީ ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އެ މަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިއަށްދާ ކޮންފަރެންސްއަކީ އުއްމީދުގެ ކޮންފަރެންސް ކަމަށެވެ.

"ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދިދާނެ ސުވާލެއް ރައީސް ޔާމީނަށް އެއްވެސް ހާލަތެއްގައި ކުރިމަތި ނުލެވިއްޖިއްޔާ ދެން ކޮބައިހޭ ތިބޭފުޅުންގެ ވިސްނުމަކީ. އަޅުގަނޑުމެންގެ ނެތޭ ވިސްނުމެއް، އެ އެހާލަތަކަށް ވިސްނާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު 100 ޕަސަންޓް ޔަގީންކަން އެބައޮތް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގަ ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފީ މަރުހަލާއިން އެ މަނިކުފާނަށް ކާމިޔާބުލިބިވަޑައިގެން މިނިވަންވެވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުންނާއި ޔާމީން ބޭނުންފުޅު ވަނީ ވަކި ބޭފުޅަކަށް ވެރިކަން ކޮށްދެއްވަން ނޫން ކަމަށާއި ބޭނުންވެގެން އުޅުއްވަނީ ދިވެހިންނަށް ދިވެހިންގެ ވެރިކަމެއް ކޮށްދެއްވަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މަސައްކަތް ކުރަމުން ދަނީ އަންނަން އޮތް ޖީލުތަކަށް ސުލްހަވެރި އަމާން ގައުމެއް ފޯރުކޮށްދިނުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް ލީޑާޝިޕުގެ އެއްވެސް ބޭފުޅަކު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެވެސް ވާހަކަ ދެއްކެވިިއެވެ.

އެ ރަސްމިއްޔާތުގައި ޔާމީނަށް ހާއްސަ ކެމްޕެއިން ލަވައެއް ވެސް އިފްތިތާހު ކުރިއެވެ. އަދި ޕާޓީގެ ޕާޓީގެ ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ޕާޓީގެ މަސްލަހަތާ އެއްގޮތަށް މަސައްކަތް ކުރުމަށް ވައުދުވެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންވެސް ސޮއި ކުރެއްވިއެވެ.

ހޯޕް ކޮންފަރެންސްގެ ޝެޝަންތައް މާދަމާ އާއި ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބާއްވާނެއެވެ. ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެއެވެ. އަދި "ދުއްޕާން" ނަމުގައި ބޮޑު ޖަލްސާއެއް ވެސް ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާނީ ހޮނިހިރު ދުވަހުގެރޭ 8:30 ގައި އާޓިފިޝަލް ބީޗުގައެވެ.