ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަންނަ މާޗު މަހުގެ ތެރޭގައި މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރި އެ ހުކުމާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ވިދާޅުވީ ޔާމީންގެ މައްސަލައާ ގުޅުން އޮންނަ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދީ ނުވަތަ މަތީ ކޯޓަށް ބަދަލުކުރުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ވަރަށް ގިނަ އިއްތިފާގުތައް ހުރި ކަމެއް ކަމަށެވެ.
ދަށު ކޯޓުގެ މަރުހަލާ ދިގުލައިގެން ދަނީ އެ ކޯޓުގައި ހެކި ހުށަހެޅުމާއި ހެއްކަށް ރައްދު ދިނުމާ އަދި އެ ނޫންވެސް ކަންކަން ކުރާތީކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ، ދަށު ކޯޓުން ކުރާ މަސައްކަތްތައް އަލުން އިސްތިއުނާފީ ކޯޓެއްގައި ނުކުރާނެތީ، އާންމު ގޮތެއްގައި ތިން އަޑުއެހުމުން އިސްތިއުނާފީ ކޯޓުތަކުން މައްސަލަ ނިންމާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން އުއްމީދުކުރަނީ ހަމަ ވަރަށް ތެދަށް ދަންނަވާ ކަމަށްވަންޏާ މާޗުގެ ހިސާބުގައި މި ރައީސް ޔާމީން މިނިވަންވެޑައިގަންނަވާނެ،" ޑރ. ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެތޯ ކުރާ ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އެ މަނިކުފާނަށް ކުރި ހުކުމް ދިރާސާކުރުމުން ކުށް ސާބިތުކުރުމުގެ ބުރަ އޮތީ ދައުވާކުރާ ފަރާތުގެ ބަދަލުގައި ދައުވާ ރައްދުވާ ފަރާތަށްކަން އެނގިގެންދިޔަ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި އޮންނަ ދެ ގޮތަކީ ކުށް ސާބިތުވުމުގެ ކުރިން ދައުވާ ލިބޭ ފަރާތަކީ މައުސޫމް މީހެއް ކަމަށް ޝަރީއަތުން ބެލުމާއި ޖިނާއި މައްސަލަތަކުގައި "ބެނެފިޓް އޮފް ޑައުޓް" ލިބެންޖެހޭނީ ދައުވާ ރައްދުވާ ފަރާތަށްވުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި މައްސަލަ ބަލަމުން ދިޔައިރުގައި ފަނޑިޔާރުގެ މުޅި މަސައްކަތް ބިނާކޮށްފައި އޮތީ ވީވަރަކުން ބަލައިގެން ދިފާއަށް ލިބެން އޮތް މި ބެނެފިޓެއްވިއްޔާ އެއްފަރާތް ކުރުމަށް،" ޑރ. ޖަމީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ގާޒީ އަމަލުކޮށްފައިވަނީ ޖިނާއީ ގާއިދާތަކާ ހިލާފަށްކަން ވަރަށް ސާފު ކަމަށާއި ކުރި ހުކުމުގައި ހުރީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ ބަހުރުވަ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގެ ގަވާއިދާ ހިލާފަށް ހުކުމްކޮށްފައި ވުމުން ހައިކޯޓުން އެ ހުކުމް ބާތިލުކުރާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު