މިއަދު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިހާބީއަށްފަހު، މާފަސޭހަކޮށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ. މިހާތަނަށް ގުނި ވޯޓް ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ވަނީ 24،384 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިފައެވެ. އަދި ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންނެވީ 15،487 ވޯޓެވެ.
ކާމިޔާބީ ފާހަގަކުރެއްވުމަށް އެމްޑީޕީގެ "ދަނޑިކޮށި ޖަގަހަ" އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނަށް ތާއިދުކުރާ ހުރިހާ ސަޕޯޓަރުންގެ ވެސް މަގުސަދަކީ އެމްޑީޕީއާއެކު ކުރިއަށް ދިޔުން ކަމަށެވެ. ރާއްޖޭއަށް ވާދަވެރި ސިޔާސީ އިންތިހާބުތައް ތައާރަފު ކުރީ އެމްޑީޕީން ކަމަށާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައިވެސް ވާދަކޮށް ނަތީޖާ ނެރެ، އެ ނަތީޖާ ގަބޫލުކޮށް އެކީގައި މަސައްކަތްކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މި ޕްރައިމަރީގައި ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފިން. އަޅުގަނޑަށް ފެންނަ ގޮތުގައި މި ނިމިދިޔަ ޕްރައިމަރީއަށްވުރެ ފަސޭހައިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ. އެއީއަކީއެއް އަޅުގަނޑަށް ޝައްކެއް އޮތްކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިމިގެންދިޔަ ޕްރައިމަރީއަކީ ވާދަވެރި މަސައްކަތެއް ކުރަން ޖެހިވަޑައިގަތް އިންތިހާބެއް ކަމަށެވެ. ނަމަވެސް އެ އިންތިހާބުގައި ބައެއް ކަންތައްތަކުގައި ވާދަވެރިންނަށް ދޫދެއްވީ "އެއީ އެކުވެރި އެކީގައި އުޅެފައި އެއް ވިސްނުމެއްގައި ތިބި ބަޔަކަށްވާތީ" ކަމަށެވެ.
އެމްޑީޕީއަކީ އަބަދުވެސް އެއް ވިސްނުމެއްގައި އެއް މަގުސަދެއްގައި ކުރިއަށްދާ ޕާޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޕްރައިމަރީގައި ދެ ފަރާތުގައި ތިބި ނަމަވެސް އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ވާދަވެރިންނާއި އެ މަނިކުފާނާ އޮންނަނަނީ އެއް މަގުސަދެއް ކަމަށެވެ. އެއީ ރާއްޖެއަށް ހަމަޖެހުމާއި ތަރައްގީ ގެނައުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދެ ފަޅީގަވެސް އޮންނާނެ ވިސްނުމަކީ. އެހެންކަމުން މީކީ އެއް ނުކުރެވޭނެ ދެ ބައެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވާދަވެރި އިންތިހާބެއްގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހިނގާފައިވާނެ ކަމަށެވެ. އެކަންކަމާ ގުޅޭގޮތުން އެ މަނިކުފާނު އެއްވެސް ހިތްބުރަށް ކަމެއް ނެތް ކަމަށެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް އެމްޑީޕީއަށް ރިޔާސީ އިންތިހާބުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު