ޚަބަރު

ޕްރައިމަރީއަށްފަހު މާޒީ އެކަހެރިކޮށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ރައީސް އެވިވަޑައިގެންފި

މުހައްމަދު އިޝާން

މިއަހަރު ބާއްވީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް މާޒީ އެކަހެރިކޮށް، އެކުގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމާލުމުގެ ގޮތުން ހުޅުމާލޭ ރުއްގަނޑު އެކެއްގައި މިއަދު ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކޮށްފިނަމަ، އެ އިންތިހާބު އެމްޑީޕީއަށް ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވާދަވެރިންނަށް. މި މަސައްކަތް ނިމުމާއެކީގައި މާޒީ އެކަހެރިކޮށް މި ވޭތުވެ ދިޔަތަން ބާއްވާފަ އަޅުގަނޑުމެން އެކީގާ މަސައްކަތް ކުރަން ނުކުތުން. އަޅުގަނޑުމެންނާ އެކީގަ ބައިވެރިވެ ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެކައްޗެއްގެ ގޮތުގައި މަސައްކަތް ފަށައިގަތުން. އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނޭ މިކަން މިގޮތަށް ކުރެވިއްޖެ ކަމަށްވަންޏާ 2023 ވަނަ އަހަރު މި ބާއްވާ އިންތިހާބު ބޮޑުތަނުން ފަސޭހަކަމާއެކު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ދެހާސް ތޭރައިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަހައްމަލުކުރި ބިރުވެރިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި 2018 ވަނަ އަހަރަށްފަހު ރައްޔިތުން ހަމަޖެހިގެން ދިރިއުޅެމުންދަނީ ގިނަ ބަޔަކު ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެތެރެއިންނާއި އިދިކޮޅު ކޯލިޝަންގެ ތެރެއިންވެސް ސަރުކާރު ހިންގުމަށް ދަތިތަކެއް ކުރިމަތިކުރުވި ކަމަށާއި ނަމަވެސް އެކަންތައްތަކަށް ވިސްނުންތެރިކަމާއެކު ކުރިމަތިލައި ކާމިޔާބު ހޯދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އެ ހުރިހާ ތަޖުރިބާތަކެއްގެ އަލީގައި ކަމަށެވެ. ދެން އެކުލަވާލެވޭ ސަރުކާރަކުން އެފަދަ ދަތި އުނދަގޫތަކެއް ކުރިމަތިވިޔަ ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްރަށުގައި ހިނގަމުންދާ ތަރައްގީގެ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ކުރިއަށް ހުރި ތަރައްގީގެ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށް ގެންދަން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އޮންނާނީ މާދަމާއެވެ.