ޚަބަރު

އަޅުގަނޑުގެ ވާދަވެރިން ފައިސާ ބަހާނެ، އެ ފައިސާގައި ހިފާތި: ނަޝީދު

މުހައްމަދު އިޝާން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނުގެ ވާދަވެރިން ފައިސާ ބަހާނެ ކަމަށާއި އެ ފައިސާގައި ހިފަންވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީގެ، މަރަދޫ- ފެދޫ ޖަގަހައިގެ ދިދަ ނަންގަވައިދެއްވުމަށްފަހު ސަޕޯޓަރުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މަރަދޫ ފެދޫގައި ފައިސާ ބަހަން އުޅެނީ ކާކުކަން އެރަށު މީހުންނަށް ސާފުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ވަރަކަށް ކަންބޮޑުނުވެ އެ ފައިސާގައި ހިފަންވާނެ ކަމަށެވެ.

"އަވަހަށް ނަންގަވާ. އަދި 10،000 ދެއްވަން އުޅެންޏާ ވިއްސޭ ވިދާޅުވެ އެވަރުވެސް ނަންގަވާ. ނަންގަވާފައި އޭގެ ދެބައިކުޅަ އެއްބައި ބަހައްޓަވައި ދެއްވާށޭ ސެޕްޓެމްބަރު ނުވައެއްގާ އިރާދަކުރެއްވިއްޔާ މި އިންތިހާބުގަ އަޅުގަނޑުމެން މިތިބީ މޮޅުވެފަ އެކަމަކަށް އަޅުގަނޑުގެ ހިތުގައި ޝައްކެއް ނެތް. އަޅުގަނޑުމެން ދެން މަސައްކަތް ކުރާން މިޖެހެނީ ސެޕްޓެމްބަރު ނުވައެއްގެ އިންތިހާބަށް. ދެން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަތިންދާބޯޓެއްގެ ޓިކެޓުގެވެސް އަގު، ކޮންމެ ދަތުރެއްގެވެސް އަގު. އިންތިހާބުތަކަކީ ހަރަދުހިނގާކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ދެ ކަމެއް ހާސިލުވެއްޖެ ކަމަށާއި ފުރަތަމަ ކަމަކީ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ލިބިވަޑައިގަތުމާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޭނުންވާ ފައިސާ ލިބިވަޑައިގަތުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ވާދަވެރިން ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެ މަނިކުފާނަށް ރަނގަޅީ ގިނައިން ފަސޭހާ ބެހުން ކަމަށެވެ. އެގޮތަށް ބަހާ ފައިސާއިން ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.