ޚަބަރު

ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާ ގޮތަށް ގެންގޮސްދޭނަން: ނަޝީދު

މުހައްމަދު އިޝާން

މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާ ގޮތަށް އެ މަނިކުފާނުގެ ވެރިކަމުގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީ، ފޭދުއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އިންޑިއާއިން ނަގާފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫގައި މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށެވެ. އެ މަޝްރޫއުތައް ފަށާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ފަށާފައިވަނީ ރޭވުންތެރިކަން ވަރަށް ކުޑަކޮށް ކަމަށެވެ. މުޅި އައްޑޫ ސިޓީއަކީ "ވޯކް ސައިޓެއް" ގެ ގޮތުގައި ބަލައި ސަރުކާރުން ގެންދަނީ އައްޑޫގެ ހުރިހާ މަގެއް އެއްފަހަރާ ކޮންނަމުން ކަމަށެވެ. އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކާއި ޝަކުވާތައް އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އަނެއްކާވެސް ތިބޭފުޅުންނަށް ޔަގީންކަން އަރުވާނަން، ނޮވެމްބަރުއްސުރެ ފެށިގެން މަސައްކަތް އިރާދަކުރެއްވިއްޔާ ތަރުތީބު ބަދަލުވެ، އަދި އަވަހަށް މަސައްކަތް ނިންމޭނޭ މަގެއްގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިވަގުތަކު އަޅުގަނޑަކަށް މިތަނުގެ މަސައްކަތްތަކުގެ ކޮންޓްރެކްޓުތައް ފެނިފައެއް ނެތް. އަދި މަސައްކަތްތައް ހަވާލުކުރެވިފައިވާ ފަރާތްތައް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް ކޮންކަހަލަ އުސޫލުތަކަކުން ކޮން ވަގުތުތަކެއްގައި، ކޮން ކަންތައްތަކެއް، ކޮށް އަގެއްގައި، ކޮން ބާވަތުގެ މެޓީރިއަލަކުން ކުރާނެކަމެއް. މި ބާވަތުގެ ތަފުސީލެއް އަޅުގަނޑުމެންނަށް އޮޅުންފިލައިފައެއް ނެތް. އެހެންނަމަވެސް ހަދާފައިވާ ކޮންޓްރެކްޓެއް ވެއްޖިއްޔާ ހަދާފައި އޮތް ގޮތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނޮވެމްބަރުއްސުރެ ފެށިގެން އުފެދޭ އާ އެމްޑީޕީގެ ސަރުކާރުން ތި ބޭފުޅުންނަށް ގެންގޮސްދޭނަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ޓެކްސްގެ ނިޒާމު އުފަންކުރުވައި ދައުލަތުގެ އާމްދަނީ 10 ގުނަ އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ފައިސާއިން ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމަށް ހަރަދުކުރުން ކަމަށާއި އިޖުތިމާއީ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން މަގު ހެދުމާއި ބަނދަރު ހެދުމަކީ ކޮންމެ މަހަކު ކުރާ ކަންކަން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އުފެދުނީ އެމްޑީޕީގެ ބައިވެރިވުން ހިމެނޭ ކޯލިޝަން ސަރުކާރެއް ކަމަށެވެ. މިހާރު މިއޮތް އެމްޑީޕީ ސަރުކާރުގައި އައްޑޫ ރައްޔިތުންގެ ހިއްސާ ނެތިގެން ދިޔައީ ކޯލިޝަން ހިމެނޭ އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކައުންސިލް މެމްބަރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރަކު ނެތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އައްޑޫއަކީ އެމްޑީޕީގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގައި އައްޑޫއަށް ނިސްބަތްވާ ދެ މިނިސްޓަރުން އެބަތިއްބެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.