އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ އެ ޕާޓީގެ ރައީސްގެ މަގާމު ކުރިން އަދާކުރެއްވި އިބްރާހިމް އިސްމާއިލު ކަމަށާއި ދެވަނައަށް ސޮއިކުރެއްވީ އެ މަނިކުފާނު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ގއ. ވިލިނގިއްޔަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައި ގޮތް ޕާޓީގެ މެމްބަރުންނަށް ސާފުވާނެ ކަމަށެވެ. އެމްޑީޕީ އުފެދިގެން އައި ގޮތް އޮޅުވާލަން ބަޔަކު މަސައްކަތްކުރި ނަމަވެސް އެމްޑީޕީ އުފެއްދުމަށް ސޮއިކުރެއްވި ފުރަތަމަ 42 މީހުންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަށްޓަކައި ގުރުބާންވި މީހުންގެ މަތިން ބައެއް ބޭފުޅުން ހަނދާންނެތިފައި ވަނީ ޕާޓީއާ ދުރުގައި އުޅެން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އިންތިހާބެއްގައި ތާއިދު ހޯދުމަށް ކެމްޕޭން ކުރަންވާނެ ކަމަށާއި ނަމަވެސް ޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރި ފަރާތްތަކަށް ބަދުބަސް ބުނުމަކީ އެންމެ ފައިދާހުރި ގޮތެއް ނޫން ކަމަށެވެ.
"ބަޔަކަށް އޮޅުވާލަން އެ މަސައްކަތްކުރި ނަމަވެސް އޭގައި ދެވަނައަށް ސޮއިކުރި މީހާ އަޅުގަނޑަކީ. އެއްވަނައަށް ސޮއިކުރީ ބޯގަންވިލާ އިބްރާހީމް އިސްމާއީލް، ދެން އަޅުގަނޑު، އެއަށްފަހު ދެން އެތިބަ މީހުން ތަރުތީބުވެގެންއައީ. އެއަށްފަހުގަ މިޕާޓީ ބޮޑުވަމުން ހަރަކާތްތައް އިތުރުވަމުންއައި ގޮތް މިތާގަ މިތިއްބަ މޫސަ މަނިކަށާ ރައުފޫއަށާ ފުއާދުއަށާ މިހެން ގޮސް ސާއިދުއަށާ މިހެންގޮސް އަޅުގަނޑަށް ގަސަމް. މިތިބީ މިތަނުން އަޅުގަނޑަށް ފެންނަން ތިބި ފަރާތް. މިއިން ކޮންމެ މީހަކު މަސައްކަތްކުރި، ބުރަ މަސައްކަތްތަކެއްކުރި. މިއަދު ވަކި މީހެއްގެ ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކާ މި ޕާޓީއަށްޓަކާ ގުރުބާންވީ މީހުންނާ ދިމާއަށް ބޭނުންހާ އެއްޗެއް ބޭނުން ގޮތަކަށް ކިޔުމަކީ މި ޕާޓީއަށް ފައިދާހުރި ގޮތެއް ނޫން" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ އުފެއްދުމަށް ގުރުބާންވި މީހުންނާއި އެ މީހުން ކުރި މަސައްކަތްތަކުގެ އަގުވަޒަން ކުރަންޖެހޭ ކަމަށާއި އެ މަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އެ ފަރާތްތަކާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރެއް އުފެއްދޭނީ އެކި ފަރާތްތަކާ ގުޅިގެން ކަމަށާއި ޑިމޮކްރަސީގައި މައިނޯރިޓީ ހައްގުތައް ހިމާޔަތްކުރަން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ވެރިކަން ކުރައްވާނީ އެއްވެސް މީހަކު ބާކީ ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު