ވ. އާރަށުގައި ރިސޯޓެއް ހަދަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުންކުރި ހުކުމް އަންނަ ހަފުތާ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލު ވިދާޅުވީ މައްސަލައެއްގެ ހުލާސާ ރިޕޯޓަކީ ހުކުމް އިއްވުމަށްފަހު ވަގުތުން ހަވާލުކުރަންޖެހޭ އެއްޗެއް ނަމަވެސް ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުނީ ވަރަށް ގިނަ ދުވަސްތަކެއް ކަމަށެވެ.
އަދި އެ ރިޕޯޓް ލިބިގެން ބެލިއިރު ވަރަށް އާދަޔާހިލާފު ކަންކަން ފާހަގަވެފައިވާ ކަމަށާއި އެގޮތުން ފާހަގަވެފައިވާ ކަންކަން އިސްތިއުނާފީ މަރުހަލާގައި ތަފުސީލުކުރާނެ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ގޯސްކޮށް، ވަރަށް އާދަޔާހިލާފު ގޮތަކަށް ނިންމާފައިވާ ރިޕޯޓަކަށްވާތީ، ދަންނަވާލަން މި އުޅޭ ވާހަކައަކީ މި ރިޕޯޓް ވަރަށް ރަނގަޅަށް ދިރާސާކޮށް މީގައި ހުރި ކަންކަމާއެކީ ގައޭ އިސްތިއުނާފަށް ހުށަހެޅިގެންދާނީ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު ވަނީ ނިމޭ މަރުހަލާގެ ތެރޭގައި، ފެށޭ ހަފުތާ ތެރޭގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުއްމީދު މި ކުރަނީ އިސްތިއުނާފު ކުރިއަށް ގެންދަން،" ޖަމީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން ދޫކޮށްދިނުމަށްވެސް ހައިކޯޓުގައި އެދޭނެ ކަމަށެވެ. ކަފާލާތުގެ ދަށުން މީހަކު ދޫކުރާއިރު ފަނޑިޔާރުން، އެ މީހަކަށް ދެކޮޅަށް ކޮށްފައިވާ ދައުވާއާއި އިސްތިއުނާފުގެ ގޮތުގައި ހުށަހަޅާފައިވާ ނުކުތާކަކަށް ބަލާނެ ކަމަށާއި އެހެންކަމުން ކްރިމިނަލް ކޯޓުން ހުކުމް ބިނާކޮށްފައި އޮތް ގޮތުން ރައީސް ޔާމީން ބަންދުން ދޫކުރާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.