ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ލ. ކައްދުއަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް ކައްދުއަށް ވަޑައިގެންނެވީ މިރެއެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ. ރައީސަށް ތާއީދުކުރާކަމުގެ ލިޔުންތަކާއި ބެނާތަކުގެ އިތުރުން އެމްޑީޕީގެ ދިދަ އާއި ތޮފި އަޅައިގެން ގިނަ އަދަދެއްގެ ބަޔަކު ރައީސަށް މަރުހަބާ ކިޔުމަށް އެއްވެ ތިއްބެވެ. އެގޮތުން ރައީސަށް މަރުހަބާ ކިޔުމަށް 500 އަށްވުރެ މީހުން ވަނީ ކައްދޫ އެއާޕޯޓް ސަރަހައްދަށް އެއްވެފައެވެ.
ރައީސަށް މަރުހަބާ ދެންނެވުމަށް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެންމެ ކުރީސަފުގައި ހުންނެވިއެވެ. ސިރާޖު ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވިކަން މިއަދު އިއުލާން ކުރައްވައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މަނިކުފާނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު ޖީހާން މަހުމޫދާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދުﷲގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ސޯލިހު ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި އައްޑޫ ސިޓީއަށް ވެސް ވަޑައިގެންފައެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައެވެ. ޕްރައިމަރީގައި އެއްކޮޅުން ރައީސް ސޯލިހު ވާދަކުރައްވާ އިރު، އެކަމަނިކުފާނާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު