މޯލްޑިވްސް ކަސްޓަމް ސާވިސްގެ ބެލުމުގެ ދަށުން އެއްވެސް މަސްތުވާތަކެއްޗެއް ގެއްލިފައިނުވާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މަހުގެ އަށް ވަނަ ދުވަހު ރާއްޖެ އައި އެ މީހާ ކަސްޓަމްސް އިން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރި ކަމަށެވެ. ނަމަވެސް އޭނާގެ ލަގެޖު ކަސްޓަމްސް އިން ހަވާލުކޮށްފައި ނުވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ ލަގެޖެއް ގެނައި ކަމާއި ނަމަވެސް އެ ލަގެޖު ގެންދިޔައީ ކާކުކަން ނޭނގޭ ކަމަށް އެ މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެއާޕޯޓުން މިހާތަނަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައިނުވާ ކަމަށްވެސް ބުންޏެވެ. މި މައްސަލައިގެ ތެރެއިން އެއާޕޯޓްގެ މުހިންމު ދިމާތަކުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ކަސްޓަމްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މުއައްސަސާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ކަސްޓަމްސްގެ ސާވެލައިންސް ނިޒާމުގެ ތެރެއިން ޝައްކު ކުރެވިގެން ބަލައި ފާސްކޮށް، އަތުލައިގަންނަ މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމަށްފަހު، މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލުވާ ޕަސެންޖަރު ވަގުތުން ފުލުހުންނާ ހަވާލުކުރާ ކަމަށެވެ.
"އަދި މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އެމުއައްސަސާއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ކޮންމެ ދުވަހަކު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ބަލައި ފާސްކުރާ ކޮންމެ ފަހަރަކު މަސްތުވާތަކެތި ނުވަތަ އެނޫންވެސް މަނާ އެއްޗެއް ނުފެންނާނެ ކަމަށެވެ. މިދިޔަ އަހަރަކީ ކަސްޓަމްސްއިން އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތް އަހަރު ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް ގާނޫނޫން ކަސްޓަމްސްއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭފަދަ ގޮތަކަށް މަސައްކަތް ކުރުން ބަލައިނުގަންނާނެ ކަމަށެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކަސްޓަމުން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށްވެސް ބުންޏެވެ.