އިގްތިސޯދީ ގޮތުން ދިމާވާ ދަތި ހާލަތްތަކުގައި ރިސްކު ނަގަން ޖެހޭނީ ސަރުކާރުން ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުގައި އެ ރިސްކު ނަންގަވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ހއ. ކެލާއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑް-19އިގެ ސަބަބުން ރައްޔިތުން އުޅެން ޖެހުނު ދަތިހާލު އެ މަނިކުފާނަށް އިހުސާސްކުރެއްވުނު ކަމަށެވެ. އެހެންވެ ސަރުކާރުން ފެނާއި ކަރަންޓު ބިލުން ސަބްސިޑީ ދީފައިވާ ކަމަށެވެ. އަދި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑުން އަރައިގަތުމަށް ސަަރުކާރުން ސަބްސިޑީ އާއި ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްނުދިންނަމަ، ރާއްޖެއަށް މިހާރު މިއޮތް ހާލަތުގައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ހުރިހާ ގައުމެއް ގުޅިފައިވާ ޒަމާނެއް ކަމަށާއި އެހެންކަމުން ދުނިޔެއަށް ދިމާވާ އިގުތިސޯދީ ދަތިތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށެވެ. ސަރުކާރެއްގެ ބޭނުމަކީ އެފަދަ ދަތި ދަނޑިވަޅުތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް ތިބޭފުޅުން ހަނދުމަފުޅު ހުންނަވާނެ 2008، 2009 އެއްގައި އަޅުގަނޑުމެންނަށް ދިމާވި ފައިނޭންޝަލް ކްރައިސަސްގަ ދުނިޔޭގެ މާލީ ފައިސާގެ ބާޒާރުގައި ދިމާވި ދަތިކަމުން ރާއްޖެއަށް ކުރިމަތިވި އުދަގުލުގަ ސަރުކާރުން ނިންމެވި ނިންމެވުން. ސިވިލް ސާވިސްގެ މުސާރަ ކުޑަކުރީ، މުވައްޒަފުން މަދުކުރީ. މިހެންގޮސް ރައްޔިތުންނަށް ދަތިތަކުލީފުތަކެއް އުފުލަންޖެހޭ އެތައްކަމެއް އެވަގުތު ކުރެއްވި. އެއީއަކީއެއް އަޅުގަނޑު ދެކޭގޮތުގަ ރައްޔިތުން އިންތިހާބުކުރާ ސަރުކާރަކުން ރައްޔިތުންނާ ދޭތެރޭގަ ކަންކުރަންޖެހޭ ގޮތެއް ނޫން. އެފަދަ ދަނޑިވަޅުތަކުގައި ރިސްކު ނަގަން ޖެހޭނީ ސަރުކާރުން. އަޅުގަނޑުމެން މި ގެންދަނީ އެކަން ކުރަމުން،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ މެމްބަރުން ވޯޓު ދޭއިރު ވިސްނަންޖެހޭ އެއް ކަމަކީ ރިޔާސީ ކެންޑިޑޭޓެއްގެ ހޯދުމުގެ ބަދަލުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓެއް ހޮވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެ އިންތިހާބު ކާމިޔާބުކުރުމަށް ތަފާތު ފިކުރުތަކުގެ މީހުންނާ އެކީގައި މަސައްކަތް ކުރެވޭނެ މީހަކު ހޮވުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.