ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ބުނެ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އޭނާ ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރި ނަމަވެސް އޭނާ ގެނައި ކަމަށް ބުނާ މަސްތުވާތަކެއްޗަށް ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މަހުގެ އަށް ވަނަ ދުވަހު ރާއްޖެ އައި އެ މީހާ ކަސްޓަމްސް އިން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރި ކަމަށެވެ. ނަމަވެސް އޭނާގެ ލަގެޖު ކަސްޓަމްސް އިން ހަވާލުކޮށްފައި ނުވާ ކަމަށް ބުންޏެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އޭނާ ރާއްޖެ އައި އިރު، 30 ކިލޯގެ ލަގެޖެއް ގެނައި ކަމާއި ނަމަވެސް އެ ލަގެޖު ގެންދިޔައީ ކާކުކަން ނޭނގޭ ކަމަށް އެ މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެއާޕޯޓުން މިހާތަނަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައިނުވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގެ ތެރެއިން އެއާޕޯޓްގެ މުހިންމު ދިމާތަކުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އިން އިތުރަށް ބުނީ އެ މީހާއާ މެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްގެ ބަހެއް ހޯދުމަށް އެ އިދާރާގެ މީޑިއާ ޑިޕާޓްމަންޓަށް "ވަން" އިން ގުޅުމުން އެތަނުގެ އޮފިޝަލަކު ބުނީ އެފަދަ ކަމެއް ހިނގާފައިވޭތޯ ޗެކް ކޮށްލުމަށްފަހު ގުޅާނެ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު