ޗެލްސީ

މުޑްރީކްގެ ޓްރާންސްފާ ފައިސާއިން ޔުކްރެއިނަށް އެހީވަނީ

ޗެލްސީއަށް މައިހައިލޯ މުޑްރީކް ވިއްކާލުމުން ލިބުނު ފައިސާގެ ތެރެއިން 22 މިލިއަން ޕައުންޑް، ޔޫކްރެއިންގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވުމަށް ބޭނުންކުރާނެ ކަމަށް ޝަކްތާ ޑޮނެސްކްގެ ރައީސް ރިނާޓް އަހްމެޓޯވް ވިދާޅުވެއްޖެއެވެ.

އާސެނަލުން ލޯ އަޅުމުން އަންނަނިކޮށް، ޗެލްސީން މުޑްރީކްގެ ސޮއި ހޯދީ 89 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އެއީ ޔުކްރެއިން ކުޅުންތެރިޔަކަށް ކްލަބަކުން ހަރަދުކޮށްފައިވާ އެންމެ ބޮޑު އަގެވެ. މުޑްރީކް ޗެލްސީ ދަނޑުގައި ރަސްމީކޮށް ދައްކާލައިފައިވާ އިރު، އޭނާ ދަނޑަށް ނުކުމެފައިވަނީވެސް ޔުކްރެއިން ދިދައަކާ އެކުގައެވެ.

"މުޑްރީކް ވިއްކާލުމުން ޝަކްތާއަށް ލިބުނު ފައިސާގެ ތަރެއިން ބައެއް ހޭދަކުރަން ވިސްނާފައި ވަނީ 'ހާޓް އޮފް އަޒޮވްސްޓަލް'ގެ ނަމުގައި ހިންގަން ގަސްދުކޮށްފައިވާ ހާއްސަ ދަރުމެވެރި ހަރަކާތަކަށް. އެއީ މަރިއުޕޯލްގެ ދިފާއުގައި ހަނގުރާމަކޮށް މަރުވެފައިވާ ސިފައިންގެ އާއިލާތަކަށް އެހީވުމަށް ހިންގޭނެ ހާއްސަ ހަރަކާތެއް،" އަހްމެޓޯވް ވިދާޅުވިއެވެ.

ޔުކްރެއިނާއި ރަޝިއާ ހަނގުރާމަ ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ކުޅިވަރު ސަސްޕެންޑް ކޮށްފައިވާ އިރު، ފީފާއިން ވަނީ އެގައުމުގެ ފުޓުބޯޅަވެސް ސަސްޕެންޑް ކޮށްފައެވެ. ފުޓުބޯޅައިގެ ތެރެއިން ޔުކްރެއިނަށް ސަޕޯޓް ހޯދުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ އިރު، އެކަމުގެ ސަބަބުން ލީގުތަކަށް ފާޑު ކިޔުންވެސް އަމާޒުވެފައިވެއެވެ. އެއީ މީގެ ކުރިން އެފަދަ ކަންކަމަށް ލީގުތަކުން ތާއިދުކޮށް ހިތްވަރު ދީފައި ނުވާތީއެވެ.

"ޔުކްރެއިންގެ ފުޓުބޯޅައިގެ ވާހަކަ އަހަރެމެންނަށް މިއަދު ދެއްކެނީ ޔުކްރެއިންގެ ސިފައިންނާއި، އާންމުންވެސް ކުރި ބުރަ ބޮޑު މަސައްކަތަކުން. އަދި އޭގެ އިތުރުން ދުނިޔޭގެ ބޮޑު އެހީތެރިކަމަކާވެސް އެކުގައި،" ޝަކްތާގެ ރައީސް އަހްމެޓޯވް ވިދާޅުވިއެވެ.

ޗެލްސީއަށް ސޮއިކުރުމަށްފަހު މުޑްރީކް ބުނީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ޔޫރަޕްގެ ބޮޑެތި ޓްރޮފީތައް ކާމިޔާބު ކުރުން ކަމަށާއި، ޗެލްސީއަށް ބަދަލުވީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ. ޝަކްތާގެ ރައީސް އަހްމެޓޯވް ވިދާޅުވީ މުޑްރީކް ޝަކްތާ ދޫކޮށްލުމަކީ ދެރަވުމުގެ އިތުރުން ފަހުރުވެރިވާން ޖެހޭނެ ކަމެއް ކަމަށާއި، އިތުރު ކުރިއެރުމަށް އުންމީދުކުރައްވާ ކަމަށެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަހްމެޓޯވް އިތުރަށް ވިދާޅުވީ ސީޒަން ނިމުމުން ޗެލްސީއާއި ޝަކްތާ، ޔުކްރެއިންގެ ޑޮންބާސް އެރީނާގައި އެކުވެރިކަމުގެ ހާއްސަ މެޗެއް ކުޅުމަށް ތާވަލު ކޮށްފައިވާ ކަމަށެވެ.