ޚަބަރު

ޕްރައިމަރީން ބަލިވެއްޖިއްޔާ ރައީސް ސޯލިހާއެކު ނުހުންނާނަން: ނަޝީދު

މުހައްމަދު އިޝާން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެއްޖެނަމަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ނުހުންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް ނަޝީދު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އާންމުންގެ ބަޔަކު ވަނީ ޕްރައިމަރީން ބަލިވެއްޖިއްޔާ ހުންނަވާނީ ރައީސް ސޯލިހާ އެކުތޯ ނުވަތަ އިދިކޮޅު ޕީޕީއެމާ އެކުތޯ ނަޝީދުއާ ސުވާލު ކޮށްފައެއެވެ.

ނަޝީދު ވިދާޅުވީ، އެ މަނިކުފާނު އިދިކޮޅު ޕީޕީއެމާ އެކު ނުހުންނަވާނެކަމީ "ސަތޭކައިން ސަތޭކައިގެ ކަމެއް" ކަމަށެވެ. އަދި ރައީސް ސޯލިހުއާއެކުވެސް ނުހުންނަވާނެ ކަމަށެވެ.

"ޕީޕީއެމާ އެކީގައި ނުހުންނާނަން. އެއީ ސަތޭކައިން ސަތޭކަ ކަމެއް. ޕީޕީއެމަކާ އެކު ނުހުންނާނަން، އިބްރާހިމް މުހައްމަދު ސޯލިހަކާއެކު ނުހުންނާނަން،" ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީން ބަލިވެއްޖިއްޔާ އެ މަނިކުފާނު ހުންނަވާނީ ގޭގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރެވޭނެ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ރައީސް ސޯލިހު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި ރައީސް ސޯލިހުއަށް ލިބިވަޑައިގަންނަވާނީ 20 ޕަސަންޓް ވޯޓު ކަމަށެވެ.

ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ސަބަބަކަށް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފުތަރުން 39،000 މެމްބަރުން ވަކިކޮށްފައިވުމާއި އެމްޑީޕީގެ ސިޔާސަތާ ރައީސް ސޯލިހު ދުރަށްވަޑައިގަތުމުން ކަމަށެވެ.

ރައީސް ސޯލިހް ވަނީ އެމްޑީޕީ ޕްރައިމަރީން ބަލިވެއްޖެނަމަ، ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ޕްރައިމަރީ ބާއްވާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.