ނެދަލޭންޑްސްގެ ފޯވަޑް ވޯޓް ވެގޯސްޓް، ލޯން އެއްބަސްވުމެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
އުމުރުން 30 އަހަރުގެ ވެގޯސްޓް ޔުނައިޓެޑާ ގުޅުނީ ސީޒަން ނިންމެންދެންނެވެ. ތުރުކީގެ ބެސިކްޓަސްއާއެކު ލޯން އެއްބަސްވުމެއްގައި ހުރި ވެގޯސްޓް އިތުރު ލޯން އެއްބަސްވުމަކަށް ދިޔައިރު، އޭނާ ދާއިމީ އެއްބަސްވުމެއް ވެފައިވަނީ އިނގިރޭސި ލީގުގެ ބާންލީއާ އެކުއެވެ.
ބާންލީން މިދިޔަ ސީޒަނުގައި ވެގޯސްޓް ބެސިކްޓަސްއަށް ލޯން ކޮށްފައިވާ އިރު، މިހާތަނަށް ސީޒަނުގެ ލީގުގައި ކުޅުނު 16 މެޗުން އަށް ގޯލް ޖަހައި ހަތަރު އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. އޭގެ އިތުރުން ތުރުކީ ކަޕްގައި ދެ ގޯލް ޖަހައިފައިވެއެވެ.
ޔުނައިޓެޑުން ބާންލީއަށް ލޯނުގެ އަގެއްގެ ގޮތުގައި 2.6 މިލިއަން ޕައުންޑް ދައްކާފައިވާ އިރު، ބެސިކްޓަސްއަށް 2.5 މިލިއަން ޕައުންޑުގެ ފީއެއްވެސް ދައްކާފައިވެއެވެ. އެއީ އެ ކްލަބާއެކު ވެގޯސްޓް ވެފައިވާ އެެއްބަސްވުން އުވާލުމަށްޓަކައި ދެއްކި ފައިސާއެކެވެ. ވެގޯސްޓްގެ ލޯނު މުއްދަތުގައި އޭނާގެ މުސާރަވެސް ދޭނީ ޔުނައިޓެޑުންނެވެ. ލޯން ހަމަވުމުން ބޭނުންނަމަ ގަނެވޭނެ މާއްދާއެއް އެއްބަސްވުމުގައި ހިމަނާފައެއް ނުވެއެވެ.
ޔުނައިޓެޑާ ގުޅުމަށްފަހު ވެގޯސްޓް ބުނީ ޔުނައިޓެޑްގެ ތާރީހީ ޖާޒީ ލާން ފުރުސަތު ލިބުމަކީ ފަހުރުވެރިވާނެ ކަމެއް ކަމަށާއި ޓެން ހާގުގެ އިރުޝާދުގެ ދަށުން ޓީމު ރަނގަޅުވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މުއްދަތުގައި ފުރަތަމަ 11 އަށް މަސައްކަތް ކުރާނެ ކަމަށާއި ސީޒަން ނިމެންދެން ޔުނައިޓެޑާއެކު ބުރަކޮށް މަސައްކަތް ކުރާނެ ކަމަށްވެސް ބުންޏެވެ.
ވެގޯސްޓަކީ ނެދަލޭންޑްސްގެ ގައުމީ ޓީމުގައިވެސް މުހިންމު ރޯލެއް އަދާކުރާ އިސްކޮޅުން ދިގު ފޯވަޑެކެވެ. ހާއްސަކޮށް މިދިޔަ ގަތަރު 2022ގެ ވޯލްޑް ކަޕްގައިވެސް ވެގޯސްޓް ފާހަގަކޮށްލެވުނެވެ. ނެދަލޭންޑްސްއާއި އާޖެންޓީނާ ކުޅުނު ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ފަހު ވަގުތުގައި ދެ ގޯލް ޖަހައި ވެގޯސްޓް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވާ އިރު، އެ މެޗުގައި ނެދަލޭންޑްސް ބަލިވީ ޕެނަލްޓީއަށް ގޮސްގެންނެވެ.
ޔުނައިޓެޑުން ވެގޯސްޓް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ކްލަބުން ދޫކޮށްލި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތައް ފޫބެއްދުން ކަމަށް ބެލެވެއެވެ. ސީޒަނުގެ ތެރެއިން މައްސަލަ ޖެހި، ރޮނާލްޑޯއާއި ޔުނައިޓެޑްގެ އެއްބަސްވުން އުވާލަން ޖެހިފައިވާ އިރު، މިހާރު ރޮނާލްޑޯ ވަނީ ބޮޑު މުސާރައިގައި ސައުދީ އަރަބިއާގެ އަލް ނަސްރަށް ސޮއިކޮށްފައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް