ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމް ފަށަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ރަށްތައް ދޫކުރި ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީ، ފޭދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ފައްޓަން މަސައްކުރި ކަމަށެވެ. އެކަން ކުރުމުގެ ބޭނުމުގައި ފަޅު ރަށްތައް ބަހާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅު ރަށެއް ލިބޭ. ބަހަމުން ދިޔައީ، ބަހަމުން ދިޔައީ. ބޮޑު ސަކަރާތްގަނޑެއް، އޭގެއިން ސަލަމާތް ނުވެވިގެން އަޅުގަނޑުމެން މިއުޅެނީ. އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑުކުރޭ. އެއްބަޔަކު 250 މިލިއަން ރުފިޔާ. އަނެއް ބަޔަކު އަދި އެއަށްވުރެ ބޮޑަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ފަށާފައިވަނީ އެއްވެސް ވިސްނުމެއް ނެތި ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން ކަންކަން ކުރަމުންދަނީ ޕްލޭން ތައްޔާރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ 2009 ވަނަ އަހަރު އައްޑޫގައި ސާކް ސަމިޓް ބާއްވާތީ އެފަހަރު ސަރުކާރުން އައްޑުއަށް ކޮންމެވެސް ކަމެއް ކޮށްދިން ކަމަށާއި ނަމަވެސް އެ މަސައްކަތް ވެސް ކޮށްފައިވަނީ ދެމެހެއްޓެނެވި ގޮތެއްގައި ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއިރު ފެށި މަސައްކަތް ނުނިމި ލަސްވުމުގެ ސަބަބުން އައްޑޫގެ ތަރައްގީ އަހަރުތަކެއް ވަންދެން މަޑުޖެހުނު ކަމަށެވެ.