އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ދެއްކޭވަރު ވަރުވީ އެ މަނިކުފާނުގެ ސަރުކާރުގައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީގެ، ފޭދޫއަށް މިއަދު ހަވީރު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އައްޑޫގެ ތަރައްގީކުރުން އެ މަނިކުފާނުގެ ސަރުކާރުން ދޫކޮށްނުލާނެ ކަމަށާއި އެމްޑީޕީގެ މި ސަރުކާރު ކުރިއަށްދާނީ އައްޑޫގެ ތަރައްގީއާއެކު ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލައެއްގެ ފުރަތަމަ ފާހަގަ ޖެހެންވާނީ އައްޑޫގައި ކަމަށާއި އެއީ އައްޑޫ ތަރައްގީނުވެ، ރާއްޖެ ތަރައްގީނުވާނެތީ ކަމަށެވެ. އައްޑޫއަކީ ތަރައްގީގެ ވިސްނުމުގެ މައި ހަބު ކަމަށާއި ރާއްޖޭގެ ތަރައްގީގެ ކޮންމެ ދާއިރާއެއްގައި ވެސް އައްޑޫ ރައްޔިތުންގެ ބައިވެރިވުން އަބަދުވެސް އޮންނަ ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ތަރައްގީގެ ޕްލޭނަކީ އައްޑޫ ރައްޔިތުން ތައްޔާރުކުރި ޕްލޭނެއް ކަމަށާއި އެ ޕްލޭނުގެ އަކުރެއް އަދި ފިއްޔަކަށް ވެސް ބަދަލެއް ނުގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ގެންދަނީ އައްޑޫ ރައްޔިތުން ތައްޔާރުކުރި ތަރައްގީގެ ޕްލޭނާ އެއްގޮތަށް އައްޑޫގެ ބަނދަރުތަކާއި މަގުތައް ހަދައި ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"މި ސިޓީގެ ތަރައްގީއަށްޓަކާ ދެންމެ ނިޒާމު ވިދާޅުވި ފަދައިން ބަނދަރުތައް ހެދެމުން އެދަނީ. ވަކިން މިއޮތް ރަށުގެ ތިން ބަނދަރު ނިމިއްޖެ. މަގުތައް ހެދެނީ، ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިމުމަކަށް ދަނީ. ކަރަންޓު ވިއުގަ މުޅިން ބަދަލުކުރަމުން އެދަނީ. ބިން ހިކެމުން އެދަނީ، ރަށްތައް އުފެދެމުން އެދަނީ. އެއަށްފަހު ދެން އަންނަނީ މިތަނަށް ޓޫރިޒަމް. އަދި ކިރިޔާ އައްޑޫގެ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ދެކެވޭވަރު މިވީ. އަޅުގަނޑު އަބަދުވެސް ދަންނަވަން ތަރައްގީގެ ވާހަކަ ދައްކަން ފައްޓަންވާނީ ގައިން ތާހިރުވެ ތިބެގެންނޭ. އަދި ކިރިޔާ، އަދި ކިރިޔާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ކިރިޔާ ދައްކާލެވޭ ވަރުވީ،" ރައީސް ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ވެސް އައްޑޫގެ ތަރައްގީއަށް ކަންކަން ކޮށްދިން ނަމަވެސް އެއީ ދެމެހެއްޓެނެވި ތަރައްގީއެއް ނޫން ކަމަށެވެ. އެ މަނިކުފާނު ނުކުމެ ވަޑައިގެން އެ ހުންނެވީ އައްޑޫގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ސަރުކާރުތަކުން އަައްޑޫގައި ކަންކަން ކުރިއަށް ގެންދިޔައީ ޕްލޭނެއް ނެތި ކަމަށާއި އެކަމުގެ ސަބަބުން އެތަކެއް އަހަރުތަކެއް ބޭކަރުވެގެން ދިޔަ ކަމަށެވެ.