އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އެމަނިކުފާނު ރަށްރަށަށް ވަޑައިގެންނެވުމުން ފެނިވަޑައިގެންނެވީ ތަރައްގީގެ ނަމުގައި ސަރުކާރުން ރަށްރަށުގައި "އަކުން ބަކުން" ކުޅޭ މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، މި ސަރުކާރުގެ މަޝްރޫއުތަކުގެ ދުވެލި "ސްލޯ" ކަމަށާއި މި ސަރުކާރުގެ ޝިއާރަކީ "އަންނަނީ، އަންނަނީ" ކަމަށެވެ
"އޮލިމްޕަހުގައި އަޅުވާނެ އަންނަނީ، އަންނަނީ، އަންނަނީ، އަންނަނީ، ދެން އަންނަނީ، ދެން އަންނަނީ، އަންނަނީ، މިއަންނަ ކުއާޓަރުގައި އަންނަނީ، އަނެއް ކުއާޓަރުގައި އަންނަނީ، އަންނަނީ. މި ފިލްމެއް ނުފެނުނު. ހަމަ އަންނަނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އޮލިމްޕަސް ތަރައްގީކޮށް ނިންމާލުމަށްފަހު ހުޅުވާނެ ކަމަށް ސަރުކާރުން ބުނާތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށެވެ. އެތަނުގައި ކުރަންޖެހޭ މަސައްކަތަކީ ކުލަލުމާއި ބޮކި ހަރުކުރުން ކަމަށާއި ނަމަވެސް އެކަން ނުކުރެވި އޮލިމްޕަސް ހުޅުވަން ސަރުކާރުން ތަފާތު ތާރިހުތައް ދެމުންދާތާ ފަސް އަހަރުވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ) ގެ މަސައްކަތް ނުނިމި ލަސް ވަމުންދާތީ ވެސް ނަޝީދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
"މިއޮތް އެއާޕޯޓު އަންނަނީގެ، އަނެއް ކުއާޓަރުގަ، މިއޮތް ކުއާޓަރުގަ، އަންނަނީ، އަންނަނީ، އަންނަނީ، އަންނަނީ އަދި އެތަން އެއޮތީ ހަމަ އޮތްގޮތަށް. އެއީ 2014 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ދައުލަތުން އެއްވެސް އެއްޗެއް ނުގޮސް ހަދައި ނިންމަން އެކީގަި ކޮންޓްރެކްޓް ކޮށްފައި އޮތްތަނެއް. މިހާރު 1.4 ބިލިއަން ޑޮލަރު ދަރަނިއަރާ އަދި އެއާޕޯޓް އޮތީ އަންނަނީގަ، އަނެއް ކުއާޓަރުގަ،" ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ކުޑަ މަޝްރޫއުތަކާއި ބޮޑު މަޝްރޫއުތައް އެންމެ އެކަށީގެންވާ ސްޕީޑުގައި ނުދާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އަމީނު މަގު ރަނގަޅު ފެންވަރަކަށް ހަދަން ނިންމައި މިހާރު އެ މަގުގައި ތާރެއްވެސް އަދި ގަލެއްވެސް ނެތް ކަމަށެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ މަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށަކުން ފެނިވަޑައިގަތީ ތަރައްގީގެ ނަމުގައި ސަރުކާރުން "އަކުން ބަކުން" ކުޅުއްވާ މަންޒަރު ކަމަށެވެ. ކޮންމެ ރަށެއްގައި ވެލި ފުންޏެއް ޖަހާފައިވާ ކަމަށާއި ތަރައްގީ ހޯދަން ޖެހެނީ އަތް އަޅަން ކަމަށެވެ. އެއިން އެއްވެސް ރަށެއްގައި ތަރައްގީގެ މަޝްރޫއެއް ނިމިފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީގެ މެމްބަރުން ކަންބޮޑުވަނީ ކަންކަން ނިންމައި ނުލެވޭތީ. ކަންކަން ރީއްޗަށް ބަޑިފައްޗަށް، ރަހައަށް ގެންގޮސް ޕްރޮޖެކްޓުތައް ނިންމާ ނުލެވޭތީ،" ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ހޯދާނެ ކަމަށާއި އެ ފައިސާ ހުރިތަން އެނގޭ ކަމަށް އެމްޑީޕީން ބުނެފައިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބަލަމުންނުދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް ދެއްވި އަޅުގަނޑުމެން އަތަށް. އަޅުގަނޑުމެން އެ ދެ ފޯނާއީ ލެޕްޓޮޕް ފޮރެންސިކް އެކައުންޓެއް ކުންފުންޏަށް ދިނީ. އެ ކުންފުނިން އޭގެ ދިރާސާކޮށް، އެ ދިރާސާއާއެކީގަ ބަންޑާރަ ނައިބު އަތްޕުޅަށް އެމްޑީޕީގެ ޗެއާޕާސަން އެރުވީ 2018 ވަނަ އަހަރު. އަދިވެސް އަންނަނީގަ. އެންމެ ލޯލާރިއެއްވެސް އަޅުގަނޑުމެންނަކަށެއް ނުހޯދުނު. އަޅުގަނޑު ދަންނަވަނީ އެއީ އެމްޑީޕީގެ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫނޭ. ކަނޑައެޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުކުރައްވާ ބޭއްވެވިކަމެއް. އަޅުގަނޑަށް ދެންނެވޭނީ މީ ވަރަށް ބޮޑު ހިތާމައެކޭ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީއަކީ އިންސާފަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި އެ މަނިކުފާނުގެ ވެރިކަމެއްގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ހޯދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު