ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިއަހަރުގެ މެދު ތެރޭގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް މިރޭ ދަރުބާރު ގޭގައި މާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ދަނީ ކުރީގެ އެއްވެސް ސަރުކާރުން ހިންގާފައިނުވާ ވަރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަމުން ކަމަށެވެ. އަދި ވިދާޅުވީ އެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 16،000 ފުލެޓާއި ރޯ ހައުސް އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މާލެއަށް ހާއްސަކޮށްގެން 7،000 އެތައް ފުލެޓަކާއި 5،000 ގޯތި ދިނުމުގެ މަޝްރޫއު އެދަނީ ކުރިއަށް. ތިބޭފުޅުން ގަބޫލުކުރައްވާ، މީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކެއް ނޫން. ވޯޓަކާއި މިކަމަކާ ނެތް ގުޅުމެއް. އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދަށް އަންނައިރުގައި އަޅުގަނޑު އެވީ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް، މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ގޯތި ކަނޑާ ދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭ ރައްޔިތުންގެ ގޯތި ދިނުމުގެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ އިވެލުއޭޝަންގެ މަސައްކަތް ކަމަށެވެ. ވީހާވެސް ރަނގަޅަށް، ހާމަކަން ބޮޑުކޮށް ޝަރުތު ފުރިހަމަވާ އެންމެންނަށް ފުލެޓާއި ގޯތި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކުން ފުލެޓް އަޅަން ފަށާފައި، އެ މަސައްކަތް ނިންމައި އެތަނަށް މީހުން ވައްދާފައިނުވާ ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން އަޅަން ފަށާފައިވާ ފުލެޓުތަކަށް މިއަހަރު މީހުންނަށް ވަދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށާއި މާލޭގެ ތަރައްގީއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޖެހިވަޑައިގަތީ ސަރުކާރުގައި ތިއްބަވައިގެންވެސް މުޒާހަރާ ކުރައްވަން ކަމަށާއި އަދި އިދިކޮޅުގައި ތިއްބަވައިގެންވެސް ޖެހިވަޑައިގަތީ މުޒާހަރާ ކުރައްވަން ކަމަށެވެ. އަދި ވިދާޅުވީ އޭރު މާލޭ ފިހާރަތައް ނުހުޅުވި، ވިޔަފާރިތަކަށް އެތަކެއް ގެއްލުންވެފައިވާ ކަމަށެވެ. އަދި މުޒާހަރާތައް ކުރުމުގެ ސަބަބުން އޭރު އާންމު ރައްޔިތުންގެ ބޭނުންތަކަށް ހުރަސް އެޅުނު ކަމަށާއި މިހާރު މާލޭ ރައްޔިތުންނާއި ވިޔަފާރިވެރިންވެސް ބޭނުން ވަނީ ހަމަޖެހުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު މާލެއިން ފެންނަނީ ހަމަޖެހުން ކަމަށާއި އެ ހަމަޖެހުން ދަމަހައްޓަން ބޭނުންވާނަމަ، އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. އެހެން ނޫނީ އަނެއްކާވެސް ޖެހޭނީ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަން މަގުތަކަށް ނުކުންނަން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު