ރައީސް ޔާމީންގެ ފުރަތަމަ ޖަލު ހުކުމުން ސަލާމަތްވެ ކުރެވުނު ތަޖުރިބާއާއި އެކިއެކި އިހުސާސްތައް ބަންޑުން ކޮށްލެއްވި ޖަލްސާގައި ގައިދީންނަށް އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް އިއުލާނު ކުރެއްވުމަކީ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިދާނެ ވާހަކައެކެވެ. ސަބަބަކީ އިންޓަނެޓް ލިބޭ ގޮތް ވުމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކޮންމެ މީހަކާވެސް ވާހަކަ ދެއްކިދާނެ ކަމަށް ހީވުމެވެ.
އެހެން ނަމަވެސް އެކަން އޮތީ އެގޮތަކަށް ނޫނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ޖަލުތަކުގައި ގައިދީންނަށް އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު އަންނަނީ ދެމުންނެވެ.
ރާއްޖޭގެ ޖަލު ތަކުގައި ތިބި ގައިދީންނަށް އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް އިއުލާނުކުރެއްވި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔާމް މިހާރު އަނެއްކާވެސް އެވަނީ ދެވަނަ ފަހަރަށް ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ޖަލަށް ލެވިފައެވެ.
ޖަލުގައި އޮންނަ ކޮންމެ ދުވަހަކީ ވަރަށްވެސް ފޫހި، އެކަނިވެރިކަން އިންތިހާއަށް ދާނެ ދުވަހެކެވެ. އަހަރެމެން މުސްލިމުންނަށްވީތީ ނަމާދުކުރުމާއި ޤުރުއާން ކިޔަވައިގެން އެކަނިވެރިކަން ފިލުވައިލެވޭނެ ކަމަށް ބުނެ ނިންމާލުމަކީ އިންސާފެއް ނޫނެވެ. ޖަލުތަކުގައި ތިބޭ ގައިދީންނަށް އިންޓަނެޓް ލިބޭނެ ގޮތްތަކެއް ހެދުމާއި ބެހޭގޮތުން ރައީސް ޔާމީން އެ ދެއްކެވި ވާހަކައަށް އަޅުގަނޑު ތާއީދުކުރަމެވެ.
ސަބަބަކީ ގައިދީންނަށް އިންޓަނެޓްގެ ހިދުމަތް ދެވޭނެ އެކިއެކި ޓެކްނޮލޮޖީ ދުނިޔޭގައި މިހާރު ހުރުމެވެ. އިންޓަނެޓް ލިބޭ ކޮންމެ ފަހަރަކު ބޭނުން ބަޔަކާ ވާހަކަ ދައްކައި ޗެޓްކުރެވޭނެ ކަމަށް ހީވުމަކީ ޒަމާނާ ނުގުޅޭ ކޮށި ވިސްނުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޖަލުގައި ތިބޭ ގައިދީންނަށް ދޭ އިންޓަނެޓް މެދުވެރިކޮށް ޖަލުން ބޭރުގެ އެއްވެސް ފަރާތަކާ ވާހަކަ ދައްކައެއް ނުހެދެއެވެ. އީމެއިލް ކުރުމާއި ޗެޓް ކުރުން އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކެއް ޖަލުތަކުގައި ލިބޭ އިންޓަނެޓްގެ ތެރޭގައި ނުހިމެނެއެވެ.
ޖަލުތަކުގައި ތިބޭ ގިނަ ކުށްވެރީންނަކީ ނުވަތަ ގައިދީންނަކީ ވަރަށްވެސް ހުނަރުވެރި، ފަންނުވެރި ބައެއްކަން ރާއްޖޭގެ ޖަލުތަކުންވެސް ވަނީ ފެނިގެންގޮސްފައެވެ. އެހެން ކަމުން އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިކަން ކުރިއެރުވުމަށް އިތުރު މައުލޫމާތު ބޭނުންވެއެވެ. އެހެން ނަމަވެސް ސުވާލަކީ ޖަލުތަކުގައި ތިބި ކުށްވެރީންނަށް އެމީހުންގެ ހުނަރާއި ފަންނުވެރިކަން ކުރިއެރުވުމަށް، އެ ހުނަރު ބޭނުން ކުރުމަށް އެކަށީގެންވާ ފުރުސަތެއް އެބަ އޮތްތޯއެވެ. ޖަލުތަކުގައި ތިބޭ ކުށްވެރީންނަކީ ކައިގެން އެއްވެސް ކަމެއް ނެތި ގޮޅިއެއްގައި އޮންނަން ޖެހޭ މީހެއްގެ ގޮތުގައި ދެކެމުން އައި ޒަމާން މާޒީވެއްޖެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ޖަލުތަކުގައި ތިބޭ ގައިދީންނަކީ އެ ގައުމު ތަކުގައި ކުރެވޭ ތަރައްގީގެ މަސައްކަތުގައި ބޭނުން ކުރެވޭ ފަރާތްތަކެކެވެ. ޗައިނާ މޯލްޑިވްސް ފުރެންޑްޝިޕް ބުރިޖް އެޅީވެސް ޗައިނާގެ ޖަލުތަކުގައި ތިބޭ ގައިދީން ބޭނުން ކޮށްގެން ކަމަށް ގިނަ ބަޔަކު އެ ދުވަސްވަރު ވާހަކަ ދެއްކިއެވެ. އެހެން ކަމުން ޖަލުތަކުގައި ތިބޭ ކުށްވެރިންނަކީ ހަމައެކަނި ކައިގެން ގޮޅީގައި ތިބޭ ބައެއްގެ ބަދަލުގައި އުފެއްދުންތެރި ބަޔަކަށް ހެދިދާނެ ކަން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އެ އަންނަނީ ފެންނަމުންނެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީގެން ފަންނުވެރިން އުފެއްދިދާނެއެވެ. ފުރިފައިވާ ޖަލުތަކުގެ ގައިދީން ބޭނުން ކޮށްގެން ގައުމުގެ ތަރައްގީއަށް ކުރެވޭ އެކިއެކި މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ވެސް ގެނެވިދާނެއެވެ. އެހެން ނަމަވެސް ޖަލުތަކުގައި ތިބި ގައިދީންނަށް ފަންނުވެރިކަމާއި ހުނަރު ދަސްކުރުމަށް ބޭނުންވާ އިންޓަނެޓްގެ ހިދުމަތް ނުދޭންވީ އެއްވެސް ސަބަބެއް ނެތެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ