އެޕަލް އިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ ސްމާޓް އައިނުގެ ސްޓްރެޓެޖީ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ، ވަކި އެޕްތަކެއް ހެދުމުގެ ބަދަލުގައި ސިރީ އާއި އައިފޯނުގައި މިހާރުވެސް ބޭނުންކުރާ އެޕްތައް ގުޅުވައިލުމުގެ މައްޗަށް ކަމަށް ބްލޫމްބާގް އިން ރިޕޯޓުކޮށްފިއެވެ.
ބްލޫމްބާގްގެ މާކް ގާމަން ހާމަކޮށްފައިވާ ގޮތުގައި، 2027 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ މި ސްމާޓް އައިނުގައި އަމިއްލަ އެޕްތަކެއް ނުހުންނާނެ އެވެ. އޭގެ ބަދަލުގައި މިއައިނު މަސައްކަތް ކުރާނީ އައިފޯނަކާ ގުޅައިގެންނެވެ. އައިފޯނުގައި ހުންނަ އެޕްތަކުގެ ބޭނުން އައިނު މެދުވެރިކޮށް ހިފުމަށްޓަކައި، އެޕަލްގެ އޭ.އައި އެސިސްޓެންޓް ސިރީގެ ދައުރު ވަރަށް ބޮޑުވާނެއެވެ. މީގެ މައިގަނޑު ބޭނުމަކީ އައިނުގައި ގިނަ ޕްރޮސެސިން ޕަވަރ އަދި މެމޮރީ ބޭނުން ނުކޮށް، އައިފޯނުގެ ބާރުގައި ކަންކަން ފުރިހަމަކުރުމެވެ.
މި ބަދަލާއެކު، އާންމުކޮށް ފޯނުން ކުރާ ކަންކަން ކަމަށްވާ ޓެކްސީއަށް ގޮވުމާއި، ރެސްޓޯރެންޓުތަކުން މޭޒު ރިޒާވްކުރުމާއި، ކޮފީއަށް އޯޑަރުކުރުން ފަދަ ކަންކަން ފޯނާ ނުކުޅެ ސިރީއަށް އަމުރުކޮށްގެން އައިނު މެދުވެރިކޮށް ކުރެވޭނެއެވެ. އެހެންކަމުން، ޑިވެލޮޕަރުން ޖެހޭނީ އެމީހުންގެ އައިފޯނު އެޕްތައް ސިރީ މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭނެ ގޮތަށް ފަރުމާކުރާށެވެ. މިކަމުގެ ސަބަބުން އައިނަށް ހާއްސަ އެޕްތަކެއް ހެދުމުގެ ބުރަ ޑިވެލޮޕަރުންނަށް ކުޑަވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ސްމާޓް އައިނަކީ ޑިސްޕްލޭއެއް ހިމެނޭ އޮގްމެންޓެޑް ރިއަލިޓީ އައިނަކަށް ނުވި ނަމަވެސް، ކެމެރާ އާއި މައިކްރޯފޯން އަދި ސްޕީކަރުގެ އެހީގައި ވަށައިގެންވާ މާހައުލު ދެނެގަނެ، މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި އިމާރާތްތައް ދެނެގަތުމާއި، ބޯޑުތަކުގައި ހުންނަ ލިޔުންތައް ތަރުޖަމާކުރުން ފަދަ ކަންކަން ހިމެނެއެވެ. އައިނު މެދުވެރިކޮށް ފޯނު ކޯލުތައް ކުރުމާއި، މެސެޖުތައް ކިޔުމާއި، ލަވަ އަޑުއެހުން ފަދަ ކަންކަންވެސް ކުރެވޭނެއެވެ.
މިއީ އެޕަލް އިން ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށްވާއިރު، މި އައިނު ރަސްމީކޮށް ދައްކާލާނީ އަންނަ އަހަރުގެ ޖޫން މަހު ބާއްވާ އެޕަލްގެ އަހަރީ ޑިވެލޮޕަރުންގެ ކޮންފަރެންސްގައެވެ. ނަމަވެސް، އޭ.އައި އާއި ސޮފްޓްވެއަރގެ މަސައްކަތްތައް ލަސްވަމުންދާތީ، އައިނު ބާޒާރަށް ނެރުން ފަސްވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބްލޫމްބާގް އިން ވަނީ ފާހަގަކޮށްފައެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް