އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންގެ ފޮޓޯ އާއި ވީޑިއޯތަކަށް ސާފު ހުއްދައަކާ ނުލައި ފޭސްބުކް އެޕް މެދުވެރިކޮށް ވަދެފައިވާތީ، މެޓާ ކުންފުނި 805 މިލިއަން ޔޫރޯއިން އިޓަލީގެ ޑޭޓާ ރައްކާތެރިކުރާ އިދާރާއިން ޖޫރިމަނާކޮށްފިއެވެ.
އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ، މެޓާއިން މި ޢަމަލު ހިންގާފައިވަނީ ފޭސްބުކް ބޭނުންކުރާއިރު ފޯނުގެ ގެލަރީގައި ހުންނަ ފޮޓޯތައް ހިއްސާކުރުމަށް ހުށަހަޅައިދޭ ފީޗާއެއް މެދުވެރިކޮށް ކަމަށެވެ. މީގެ ސަބަބުން އިޓަލީގައި އެންޑްރޮއިޑް ފޯނު ބޭނުންކުރާ 20 މިލިއަން މީހުންގެ އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި މައްސަލަ ފެންމަތި ވީ 2023 ވަނަ އަހަރު ތައާރަފުކުރި ފީޗާއަކާ ގުޅިގެންނެވެ. އެ ފީޗާގެ ސަބަބުން ބޭނުންކުރާ މީހާގެ ފޯނުގެ ގެލެރީގައި ހުރި ފޮޓޯތައް ބަލައި، ޕޯސްޓުކުރަންވީ ފޮޓޯތަކުގެ އިރުޝާދު ފޭސްބުކް އެޕުން ދެއެވެ. ނަމަވެސް، މި ފީޗާ ހިންގުމަށް މެޓާއިން ހުއްދަ ހޯދާފައިވަނީ އެޕްލިކޭޝަންގެ އާންމު ހުއްދައިގެ ދަށުން ކަމަށާއި، ވަކިވަކި ފޮޓޯތަކަށް ވަނުމަށް ސާފު ހުއްދައެއް ހޯދާފައި ނުވާ ކަމަށް ތަހުގީގުން ވަނީ އެނގިފައެވެ.
އިޓަލީގެ ކަމާބެހޭ އިދާރާއިން ވަނީ 60 ދުވަހުގެ ތެރޭގައި މި ފީޗާ އަމިއްލައަށް އޮފްވާ ގޮތް ހެދުމަށާއި، ބޭނުންކުރާ މީހުންގެ ވަކި ހުއްދައެއް ހޯދުމަށް މެޓާއަށް އަންގައިފައެވެ. އަދި މި ނިންމުމަށް އަމަލުކުރާނެ ގޮތުގެ ތަފްސީލު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް ވަނީ އަމުރުކޮށްފައެވެ.
މި ނިންމުމާ ގުޅިގެން މެޓާއިން ބުނީ، އިޓަލީގެ އިދާރާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އަދި ކަނޑައެޅި ޖޫރިމަނާގެ އަދަދު ބޮޑުކަމަށް ގަބޫލުކުރާ ކަމަށެވެ. މިއީ ފޮޓޯ ހިއްސާކުރުމަށް އެހީތެރިވެދޭ އާދައިގެ ފީޗާއެއް ކަމަށާއި، އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް މެޓާއިން ވަނީ ބުނެއެވެ.
މެޓާ
މެޓާ
މެޓާ
މެޓާ
ކޮމެންޓް