އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗު މަހުގެ ތެރޭގައި އެޕަލްއިން އައިފޯން 18 އާއި އައިފޯން 18އީގެ އިތުރުން އާ އައިޕެޑާއި މެކްބުކް ނިއޯ އަދި މެކްބުކް އެއާ ތައާރަފުކުރުމަށް ރާވަމުން އަންނަ ކަމަށް ބްލޫމްބާގްގެ މާކް ގުރްމަން ބުނެފިއެވެ.
ގުރްމަންގެ "ޕަވަރ އޮން" ނިއުސްލެޓާގައި ބުނެފައިވާ ގޮތުގައި، މި އުފެއްދުންތައް ތައާރަފުކުރުން އަމާޒުކޮށްފައިވަނީ އެޕަލްގެ އައިއޯއެސް 27.4 ސޮފްޓްވެއާ އަޕްޑޭޓް ނެރޭ ދުވަސްވަރާއެވެ. މިއީ އެޕަލްއިން އަހަރުގެ ކުރީކޮޅު ބަޖެޓް އަދި އާންމު އުފެއްދުންތައް ބާޒާރަށް ނެރުމަށް ގެންގުޅޭ ހާއްސަ ތާވަލެކެވެ.
އާ އައިފޯން 18 އާއި އައިފޯން 18އީ ގައި ބޭނުންކުރާނީ އެ20 ޗިޕާއި 9 ޖީބީގެ ރޭމްއެވެ. މީގެ އިތުރުން މި ފޯނުތަކުގައި ބެޓެރީގެ ހިދުމަތް ކުރިއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އާންމުކޮށް ސެޕްޓެމްބަރު މަހު ހުރިހާ ފޯނެއް އެއްފަހަރާ ނެރުމުގެ ބަދަލުގައި، މައިގަނޑު މޮޑެލްތައް އެހެން ދުވަސްވަރަކު ނެރުމަކީ އެޕަލްގެ ވިސްނުމަށް އައި ބޮޑު ބަދަލެކެވެ.
މެކްބުކް ނިއޯގެ ދެވަނަ ޖެނެރޭޝަން މޮޑެލްގައި އެ19 ޕްރޯ ޗިޕާއި 12 ޖީބީގެ ރޭމް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މެކްބުކް އެއާގެ އައު މޮޑެލް ނެރޭނީ އެމް6 ޗިޕާއެކުގައެވެ. އަދި އާ އެންޓްރީ-ލެވަލް އައިޕެޑްގައި އެ19 ޗިޕާއި އެޕަލް އިންޓެލިޖެންސްގެ ހިދުމަތްތައް ހިމެނޭނެއެވެ.
މި އިވެންޓަށްފަހު، އަހަރުގެ ފުރަތަމަ ބައިގެ ފަހުކޮޅު އިތުރު އުފެއްދުންތަކެއް ނެރުމަށްވެސް އެޕަލްއިން އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި އައިފޯން އެއާ 2 އާއި އޯއެލްއީޑީ ޑިސްޕްލޭ ހިމެނޭ އައިޕެޑް އެއާ އަދި އާ އައިޕެޑް ޕްރޯ ހިމެނޭއިރު، މި ތަކެތި ތައާރަފުކުރުން އޭޕްރީލް މަހުގެ ތެރެއަށް ފަސްވުން އެކަށީގެންވާ ކަމަށް ހަބަރުތައް ބުނެއެވެ.
ކޮމެންޓް